ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 14:35
އޭސީސީގެ މެމްބަރުން ރައީސް ސޯލިހް އާއެކު
އޭސީސީގެ މެމްބަރުން ރައީސް ސޯލިހް އާއެކު
ރައީސް އޮފީސް
ގެއްލުމުގެ ބަދަލު ދޭން ނިންމި ނިންމުންތައް
ސަރުކާރުން ބަދަލު ދޭން ނިންމާފައިވާ 9 މައްސަލައެއް އޭސީސީން ތަހުޤީޤު ކުރަން ފަށައިފި
 
މިހާރު ވަނީ ތަހުގީގު ފެށިފައި، ޑޮކިއުމަންޓްތައް ބަލާ، އިތުރު ޑޮކިއުމަންޓްތައް ހޯދަމުންދާ ކަމަށް އޭސީސީން ބުނޭ
 
ތަހުގީގު ނިމުމުން އިތުރު ތަފްސީލްތައް ހާމަ ކުރާނެ ކަމަށް އޭސީސީން ބުނޭ
 
އޭސީސީން އެމައްސަަލަތައް ތަހުގީގު ކުރަނީ އެކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީން

އެއްބަސްވުމާއި ހިލާފަށް ސަރުކާރުން އުވާލި ކަމަށްބުނެ، ބަދަލުގެ ގޮތުގައި ސަރުކާރުން ދީފައިވާ ބޮޑެތި ބަދަލުތަކާ ގުޅޭ 9 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލަން ފަށައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް އާދިއްތަ ދުވަހު ވިދާޅުވީ ސަރުކާރުން ބަދަލު ދޭން ނިންމާފައިވާ، ނުވަ މައްސަލަ އެކޮމިޝަނުން ބަލަނީ އެކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީން ކަމަށެވެ. އަދި އެ މައްސަލަތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމު ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް ފާޅު ކުރަމުންދާ މައްސަލަތަކެއް ކަމަށްވާތީ، އެކޮމިޝަނުން އަމިއްލަ އިސްނެގުމުގެ މަތީން އެ 9 މައްސަލަ ބަލަން މިހާރު ފަށާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ކަމާބެހޭ ޑޮކިއުމަންޓްތައް ހޯދުމާއި ލިބިފައިވާ ޑޮކިއުމަންޓްތައް ދިރާސާ ކުރުމުގެ މަސައްކަތް ކަމަށްވެސް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭސީސީގެ މީީޑިއާ އޮފިޝަލް ވިދާޅުވީ މިވަގުތު ހާމަ ކުރެވެން އޮތް މައުލޫމާތަކީ އެއީ ކަމަށާއި އެމައްސަލަތަކުގެ ތަހުގީގު ނިމުމުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން ބާތިލް ކުރި ގިނަ އެއްބަސްވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ބޮޑެތި ބަދަލުތަކެއް އެކުންފުނިތަކަށް ދޭންޖެހިފަ އެވެ.

އެއްބަސްވުމާއި ހިލާފަށް، އެއްބަސްވުންތައް ބާތިލް ކުރުމުން، ރައީސް ސޯލިހުގެ ސަރުކާރަށް ވަނީ ބޮޑެތި ބަދަލުތަކެއް އެކުންފުނިތަކަށް ދޭންޖެހިފައިވާއިރު، ރައީސް އޮފީހުން އެ ބަދަލުތައް ދެމުންދަނީ ރައީސް އޮފީހުގައި އޮންނަ ސްޓެލްމަންޓް ކޮމެޓީން އެމައްސަލަ ބެލުމަށްފަހު، އެކޮޮމެޓީން ނިންމާ ގޮތެއްގެ މަތީން ނެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، އެއްބަސްވުންތަކާ ހިލާފަށް އެ އެއްބަސްވުންތައް ބާތިލް ކުރުމުގެ ސަބަބުން ދައުލަތުން 6.8 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް ބެލެވެ އެވެ. މިހާރު ވެސް ބަދަލުގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން އެކި ފަރާތްތަކަށް ދައްކާފައި ވެއެވެ.

ބަދަލުގެ ގޮތުގައި މިހާތަނަށް ސްޓްލްމަންޓް ކޮމެޓީން ދޭން ނިންމި ކުންފުނިތަކާއި ފައިސާގެ އަދަދުތައް:

  • އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ޚިދުމަތް ދިނުމަށް އުފެއްދި ދީބާޖާ ކުންފުންޏަަށް: 174 މިލިއަން ރުފިޔާ.
  • ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ދައުވާކުރި އާބިޓްރޭޝަން މައްސަލައިގައި، ނޫމަޑި ކުންފުންޏަށް: 55 މިލިއަން ޑޮލަރު
  • ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަންވި އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒް އިން އާބިޓްރޭޝަނަށް ހުށަހެޅުމުން، ނެކްސްބިޒް ކުންފުންޏަށް: 280 މިލިއަން ރުފިޔާ
  • ރިސޯޓު ހަދަން ރަށްތަކެއް ދޭން އެއްބަސްވެ އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) ކުންފުންޏަށް: 130 މިލިއަން ރުފިޔާ
  • މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް ބަދަލުގެ ގޮތުގައި: 26.1 މިލިއަން ރުފިޔާ
  • ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީލައިފުން އޮޅުވާލި މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދިނުން: އަދި މިހާތަނަށް ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ ފައިސާގެ އަދަދު ސަރުކާރުން ހާމައެއް ނުކުރޭ.
  • މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)އާދެމެދު ވި އެއްވަސްވުން އުވާލުމާއި ގުޅިގެން ބިގް ކުންފުންޏަށް: 78 މިލިއަން ރުފިޔާ
  • ރާއްޖެއަށް އެތެރެކޮށްފައިވާ ސިގިރޭޓު ޝިޕްމަންޓެއްގެ ޑިއުޓީއާއި ގުޅޭގޮތުން ދައުލަތުގެ ސްޑޭންޑު ބަދަލުވުމުން ފެންކުންފުނީގެ (އެމްޑަބްލިޔުއެސްސީ) ޗެއަރމަން އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް: 22 މިލިއަން ރުފިޔާ

މީގެއިތުރުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމަށް އިންޑިއާގެ ޖީއެމްއާރާއެކު ވި އެއްބަސްވުން އުވާލުމާއި ގުޅިގެން 400 މިލިއަން ޑޮލަރު ރައީސް ޔާމީންގެ ވެރިކަމުގައި ދައްކާފައިވެއެވެ.

މީގެއިތުރުން، މީގެ ހަތް އަހަރު ކުރިން ތިލަފުށި ފަޅުތެރޭގައި އޮތް "އެމްވީ ސީ ހޯމް ސެފަޔާ" ނަމަކަށް ކިޔާ ބޯޓު އެތަނުން ނަގަން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ހަވާލުކުރި، ޕާކަވަންއާ އެކު އެފައިވާ އެއްވަސްވުމާއެއްގޮތަށް ކަންތައްތައްކުރިއަށް ނުގޮސް، އަދި ގްރޭޓަރ މާލޭ ކުންފުނިން އޮޅުވާލި ކަމަށްބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި، 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދަން ޕާކަވަން އިން ވަނީ ސިވިލް ކޯޓުގައި ދަޢުވާކޮށްފަ އެވެ.

ސަރުކާރުން އެކި ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތަކާއި، އަދި އެ އެއްބަސްވުންތަކާ ހިލާފަށް އެ އެއްބަސްވުންތައް އުވާލުމާ ގުޅިގެން ބޮޑެތި ބަދަލުތަކެއް ދައުލަތުން ދައްކަން ޖެހިފައިވާއިރު، ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
22 ޑިސެންބަރ 2019 | އާދީއްތަ 15:10
މޯތީ
މިސަރުކާރުން ތިކަމުގެ ބަދަލު ދިނުމަކީ މައްސަލައެއް ތިބުނާ އެގުރިމެންޓް ތައް ބާތިލްކުރި ޔާމިނުގެ މިނިސްޓަރުން މިހާރުވެސް އެތިބީ