ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 09:16
ރ. މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ
ރ. މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ
އަބުދުﷲ ނަސީރު އިބްރާހިމް
ރ. މަޑުއްވަރި
މަޑުއްވަރީ 9 ގެއަކުން 20 ކުދިންގެ ހާލަތު ބަލައިފިން: ޖެންޑަރ މިނިސްޓްރީ
 
މި މަސައްކަތުގައި މިހާތަނަށް 9 ގޭބިސީއަކަށް ޒިޔާރަތްކޮށްފައިވޭ
 
1 ކުއްޖަކަށް މިނިސްޓްރީ މެދުވެރިކޮށް ރައްކައުތެރި މާހައުލެއް ވަނީ ފޯރުކޮށްދީފައި
 
އާއިލާގެ އެއްބާރުލުމާއި އެކު 4 ކުދިންނަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން ވަނީ ދީފައި

ރ. މަޑުއްވަރީގެ 9 ގޭބީސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ޙާލަތު ބަލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޖެންޑަރ މިނިސްޓްރީން ޢާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ވަނީ މިހާރު ރ. އަތޮޅު މަޑުއްވަރީގައި ކުރިއަށް ގެންދާ "އައްސޭރި" އޮޕަރޭޝަނުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދައުރަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ހެދިފައިވާ ޤާނޫނު ތަކުންނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކުން މަޙުރޫމް ވެފައިވޭތޯ ބަލާ، އެފަދަ ކުދިންނާއި އަންހެނުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ.

އެގޮތުން މި މަސައްކަތުގައި މިހާތަނަށް 9 ގޭބިސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ޙާލަތު ބަލައި، އަދި އެކުދިންގެ ޢާއިލާއާއި މަޝްވަރާކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހާ ވޭދަނައިގެ މަސައްކަތް ކުރެވިފައިވާކަމަށެވެ.

މި ގޮތުން ކުރި މަސައްކަތްތަކުން 4 ކުދިންނަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން ޢާއިލާގެ އެއްބާރުލުމާއި އެކު ދީފައިވާ ކަމަށެވެ. މީގެ އިތުރުން ޒިޔާރަތްކުރި ގޭބީސީއެއްގައި ހިމެނޭ 1 ކުއްޖަކު ޢާއިލާ ތެރޭގައި ބަހައްޓައިގެން ކުއްޖާގެ ރައްކައުތެރިކަން ކަށަވަރު ކުރެވޭނެ މާޙައުލެއް ނެތްކަން ފާހަގަވުމާއެކު، މިފަދަ މައްސަލަ ތަކުގައި މިނިސްޓްރީން ޢަމަލުކުރަމުންދާ އިޖުރާޢަތުގެ ތެރެއިން ކުއްޖާގެ ޢާއިލާގެ ޙާލަތު ބަލައި އެކުއްޖާގެ ޢާއިލާގެ ވެށިން މިނިސްޓްރީ މެދުވެރިކޮށް ރައްކައުތެރި މާޙައުލެއް ފޯރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

"މައިންބަފައިންނާއި އާއިލާގެ އިހުމާލުން ކުދިންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެ، ކުދިންނަށް ޞިއްޙީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާފަދަ ގޮތަކަށް ކުދިންނާއި މެދު ޢަމަލު ކުރުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނުދޭނެ ކަމުގެ ޔަޤީންކަން އަރުވަން. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން މައިންބަފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމުން ގެންދޭތޯ މި މިނިސްޓްރީން ބަލަމުންގެންދާނެ ކަންވެސް ޔަޤީންކޮށް އަރުވަން" ބަޔާނުގައި ވެއެވެ.

މިފަދަ މައްސަލަތަކުގައި ޚަބަރު ފަތުރާ ވަޞީލަތްތަކުން މަޢުލޫމާތު ޙިއްސާކުރަމުންދާއިރު، ކުޑަކުދިންގެ ކަރާމާތަށް ގެއްލުން ނުވާނެ ފަދައިން މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި މިނިސްޓްރީން ކުރާ މަސައްކަތްތަކުގައި މުޖުތަމަޢުގެ އެންމެހާ އަފުރާދުންނާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ލޯކަލް ކައުންސިލްތައް އަދި ކަމާގުޅޭ އެންމެހާ ދާއިރާތަކުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރުއަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް