ސްޕެނިޝް ލަލީގާގައި ފަހަތުން އަރާ ވެލެންސިއާގެ މައްޗަށް ބާސެލޯނާ ކުރިހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ ވެލެންސިއާ ވާދަކޮށް 2-4 ގެ ނަތީޖާއަކުންނެވެ.
ބާސާ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެލެންސިއާ އިންނެވެ. މި ލަނޑު 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މަންގާލާ އެވެ.
އެހެންނަމަވެސް ބާސާ އިން ވަނީ ކުޅުން ރަނގަޅުކޮށް 35 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާއެކު ލުއިސް ސުއަރޭޒް ކާމިޔާބުކުރި ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ވެލެންސިއާ އަށް މެޗުގައި ހުރަސްތަކާ ކުރިމަތިވީ 44 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އެޓީމުގެ މަންގާލާ އަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އެގޮތުން ބާސާ އިން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ޕެނަލްޓީ ބާސާ އަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީ އެވެ.
މި ލަނޑު ޖެހިތާ މިނެޓެއްފަހުން ވެލެންސިއާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޖޮށްދިނީ މުނީރް އެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބާސާ އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، 52 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެސީ އެވެ.
މި ލަނޑަށްފަހުވެސް ބާސާ އިން ދިޔައީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. މެޗުގައި ބާސާ އިން ޖެހި ފަހު ލަނޑު 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ތަވަރޭޒް ގޮމޭޒް އެވެ.
މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 28 މެޗުން ލިބުނު 63 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު 28 މެޗުން ލިބުނު 30 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގަ އެވެ.