މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުން ހައްޔަރުކޮށްފައި ވަނިކޮށް، އެމީހުން ދޫކޮށްލީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކަމަށް މާލެ ސިޓީ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތި ބޭނުންކޮށް، މަސްތުގެ ހާލުގައި މާލޭގެ މަގުތަކުގައި އުޅޭ މީހުން ގިނަވެ، "ކެފޭ ހިންގާ އުޞޫލުން" މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާތީ ޢާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް ދަނީ ސޯޝަލް މީޑިއާގައި ޙިއްސާކުރަމުން ނެވެ.
އެގޮތުން، މާލޭގައި ޑްރަގުގެ ވިޔަފާރި އޮތް ޙާލަތު އެނގުމުން ހައިރާންވާ ކަމަށާއި، އަތޮޅުތަކުގައިވެސް މި ވިޔަފާރިތައް ހިންގާތޯ ބަލައި މިކަން ކުރާ މީހުން ހުއްޓުވަން ޖެހޭ ކަމަށް، ޢާންމުންގެ މީހަކު ކުރި ޓްވީޓަކާ ގުޅިގެން މާލެ ސިޓީ މޭޔަރ ޝިފާ ވިދާޅުވީ ޑްރަގް ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދުކުރެވުނު ގިނަ މީހުން 2013 ވަނަ އަހަރު ވެރިކަމަށް އައި ބަޔަކު ދޫކޮށްލާފައިވާ ކަމަށެވެ. އެކަން އަދި ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ޑްރަގް ވިޔަފާރި ކުރަމުންދާ ބޮޑެތި ނެޓްވާރކްތައް ހުއްޓުވާ އެމީހުން ހައްޔަރުކުރުމަށް ބޮޑެތި އޮޕަރޭޝަންތައް ހިންގާފައި ވެއެވެ. ނަމަވެސް އެ ޑްރަގް ނެޓްވާރކްތަކާއި ރާއްޖޭގެ ކޯޓުތަކުގެ ބައެއް ގާޒީންނާ އޮތް ގުޅުމުގެ ސަބަބުން އެކަމަށް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުން ދިޔައެވެ.
މަސްތުވާތަކެތި ބޭނުންކޮށްގެން މާލޭގެ މަގުމަތީގައި ބިއްޖެހިފައި ތިބޭ މީހުންގެ ޢަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މަސްތުގެ ޙާލުގައި ތިބޭ ބައެއް މީހުން މާލޭގެ މަގުމަތީގައި "ބިއްޖެހިފައި" ތިބޭތަން ފެނި، ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ފެންމަތިވުމާއެކު ފުލުހުން ވަނީ މިމަހުގެ ތެރޭގައި މާލޭގެ ފަސް ގެއެއް ބަލައި 37 މީހަކު ހައްޔަރުކޮށްފަ އެވެ.