ދ. ކުޑަހުވަދޫގެ ތަރައްޤީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ނެތުން ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
އެތެރެދުނި ޕްރޮގުރާމުގައި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަލީ ސައުދު ވިދާޅުވީ ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެރަށުގައި ޒުވާނުންނަށް ހުރި ފުރުސަތުތައް ވަރަށް މަދު ކަމަށާއި، ޒުވާނުންނަށް ފުރުޞަތު ނެތުމަކީ މުސްތަަޤުުބަލުގައި ރަށުގެ ތަރައްޤީއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އާބާދީގެ ތިންބައި ކުޅަ އެއްބަޔަކީ ޒުވާނުންކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެރަށުގައި އައުވަޒީފާތައް އުފެއްދުމަށްޓަކައި މިހާރު ގެސްޓްހައުސް ވިޔަފާރި ތަރައްޤީކޮށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކަންކަމުގައި ޒުވާނުންގެ ވިސްނުމާއި ޚިޔާލާ މަޝްވާރާ ހޯދާ ކަމަށެވެ.
އެގޮތުން މިއަންނަ އަހަރު ފުޓްބޯޅަ ދަނޑުގައި ޓާފު އަޅާނެ ކަމަށާއި، ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ކޯޓުތައް ޤާއިމު ކުރެވިގެންދާނެ ކަމަށެވެ. އަދި ކުޑަހުވަދޫގައި ރަނގަޅު ފެންވަރުގެ ޒުވާނުންގެ މަރުކަޒެއް ޤާއިމު ކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ސައުދު ވިދާޅުވިއެވެ.
އަޅުގަނޑުމެން ރަށުގެ ތަރައްގީއަށް މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގަ ކުރީ ސަރުކާރަކުން އަޅުގަނޑުމެންނަށް އެއްބާރުލުމެއް ނުލިބޭ. ނަމަވެސް މިހާރުގެ މިސަރުކާރުން މިމަސައްކަތްތައް ކުރިއަށް ގެންދުމަށް ފުރިހަމަ އެއްބާރު ދޭ. އެހެންވީމަ އުންމީދު ރަށަށް ކުރާ އުންމީދު ވަރަށް ބޮޑުސައުދު- ކައުންސިލްގެ ނައިބް ރައީސް
ކުޑަހުވަދޫގެ ބަނދަރުގެ ބޭނުން ހިފަމުން އަންނަ ގޮތާ ބެހޭގޮތުން ސައުދު ވިދާޅުވީ، އެ ރަށަކީ މަސްވެރި ރަށަކަށް ވެފައި އުޅަނދުފަހަރު ގިނަ ރަށަކަށް ވާތީ ލަފާފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ ސަބަބުން މަސްވެރިންނަށް ދަތިތަކާއި ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ.
ނަމަވެސް ވިޔަފާރި ބަނދަރެއް އަޅުއްވާ ދެއްވާނެކަމުގެ ޔަޤީންކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވާފައިވާ ކަމަށާއި، ބަނދަރުގެ ޢަމަލީ މަސައްކަތް 2020 އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ވިޔަފާރި ބަނދަރު ޤާއިމުކުރެވިގެން ދިއުމުން މިހާރު ބޭނުންކުރަމުން އަންނަ ބަނދަރުގެ ޖާގައަށް ޙައްލު ލިބި، އެރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވެގެންދާނެ ކަމަށެވެ.