ނ. ހޮޅުދުއަށް އުދަ އަރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފި އެވެ.
ހޮޅުދޫ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު އަފްރާހު ރާއްޖެ އެމްވީ އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އުދަ އަރަން ފަށާފައިވަނީ ރޭ ފަތިހު 5:30 ހާއިރުން ފެށިގެން ކަމަށެވެ. އުދަ އަރާފައިވަނީ ހޮޅުދޫގެ އިރު އުތުރު ފަރާތަށެވެ. އެޞަރަޙައްދުން ލޮނުގަނޑު ރަށުތެރެއަށް އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ގެެއަކަށް ލޮނުވަދެ ތަކެއްޗަށް ގެއްލުންވެފައިނުވާ ކަމަށް އަފްރާހު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގެ ދުވަސްވަރު އެޞަރަޙައްދަށް އުދައިގެ އަސަރު ކުރާއިރު އެޞަރަޙައްދަކީ އެރަށުގެ ހިއްކާފައި އޮންނަ ޞަރަޙައްދެއް ކަމަށް އެރަށުން މަޢުލޫމާތު ދިން މީހުން ބުނެއެވެ. އަދި އެޞަރަޙައްދަކީ ޢާންމު ކޮށްވެސް ލޮނުގެ އަސަރު ކުރާ ޞަރަޙައްދެއް ކަަމަށާއި އެކަމުގެ ސަބަބުން ގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވަމުންދާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުނެއެވެ.
މިޞަރަޙައްދަށް އުދަ އަރާތީ އެކަން ޙައްލުކުރުމަށް އެޞަރަޙައްދުގައި 2015 ވަނަ އަހަރު ވަނީ ހިލަ ޖަހާފަ އެވެ. އޭގެ ފަހުން އުދައިގެ އަސަރު ކުރާލެއް ކުޑަކަމަށް އަފްރާހު ވިދާޅުވި އެވެ. ނަމަވެސް މިދިޔަ ދެ އަހަރާއި އަޅާބަލާއިރު މިއަހަރު އުދައިގެ އަސަރު ކޮށްފައިވާ މިންވަރު ބޮޑުކަމަށް އަފްރާހް ވިދާޅުވި އެވެ. މިކަމަށް ދާއިމީ ޙައްލެއް އަންނާނީ މިހާރު ހިލަ ޖަހާފައި ހުރި ޞަރަޙައްދުގައި އެއަށްވުރެ ބޮޑެތި ހިލަ ޖަހައިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށް އަފްރާހް ވިދާޅުވި އެވެ.
ހޮޅުދުއަށް އުދަ އަރާތީ އެޞަރަޙައްދުގެ ގެތައް ރައްކާތެރިކުރުމަށް އެރަށު ކައުންސިލާއި ރަށު ރައްޔިތުން އަދި ފުލުހުން ގުޅިގެން ވަނީ އެޞަރަޙައްދުގެ ގެތަކުގައި ވެލިބަސްތާ ޖަހާފައެވެ.
ހޮޅުދޫގެ އާބާދީ ތިންހާހާ ކައިރިކުރާއިރު އެރަށަކީ ބޯކޮށް ވާރޭ ވެހިއްޖެނަމަ ފެން ބޮޑުވެ އެކަމުގެ ގެއްލުންތައްވެސް ޢާންމުގޮތެއްގައި ވަމުން އަންނަ ރަށެވެ. އެކަމަށް ޙައްލެއް ގެނައުމަށް މިހާރު ފެންހިންދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިހާރު އެރަށުގައި އަންނަނީ ކުރަމުންނެވެ.