އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީން) ހުޅުވާލައިފިއެވެ.
އީސީން ބުނީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު އާންމުކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އީސީން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ރ) ގެ ދަށުން ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަށް ސިޓީ އަދި ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ޤާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް އަދި ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ޞަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ޢާންމުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އީސީން ބުނީ މި ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓު އަދި، ކޮމިޝަނުގެ ވެބްސައިޓުގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. މިރިޕޯޓަށް ޝަކުވާ ހުށަހަޅާނީ 2019 ޑިސެމްބަރ 23 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށް ކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށެވެ. އަދި އަދި މި ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުންދާއިރު، އިންތިޚާބު ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.