ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންނާއެކު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.
ފަލަސްތީން މެޗަށް 29 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައިވާއިރު، އާދީއްތަ ދުވަހު ކުރިޔަށްދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ 28 ކުޅުންތެރިންނެވެ. ފަރިތަކުރުންތަކުގައި ބައިވެރިނުވެވުނީ ކްލަބް އީގަލްސްގެ އަހުމަދު ޒާދު އަށެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރިތަކުރުންތަކުގައި ޒާދު އަށް ބައިވެރިނުވެވުނީ ބަލިވެ އުޅޭތީ އެވެ.
ފަލަސްތީން މެޗަށް ނެގި ސީނިއާ ޓީމުގައި މުޅިން އަލަށް ސްކޮޑަށް ނެގި ކުޅުންތެރިންވެސް ހިމެނެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މަހުދީ (އިއްބެ) އާއި މުހައްމަދު އައްޒާމް، އިބްރާހިމް ވަހީދު ހަސަން އަދި އީގަލްސްގެ ރިހާމް އަބްދުލްގަނީ (ބޮބީ) ގެ އިތުރުން ގްރީން ސްޓްރީޓްގެ އަހުމަދު ނިޒާމް އާއި މުހައްމަދު ސާއިފްއެވެ.
ގައުމީ ސްކޮޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނުވަ ކުޅުންތެރިން، ޓީސީ ސްޕޯޓްސް ކްލަބްގެ ހަތަރު ކުޅުންތެރިން، ކްލަބް ވެލެންސިއާގެ ހަތަރު ކުޅުންތެރިން، ކްލަބް އީގަލްސްގެ ހަތަރު ކުޅުންތެރިން، ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ދެ ކުޅުންތެރިން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހަތަރު ކުޅުންތެރިން އަދި ކްލަބް ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިން ވަނީ ހިމަނާފައެވެ.
ސްކޮޑަށް ނެގި ކުޅުންތެރިން ތެރޭގައި ޓީސީގެ ފިޓްނަސް ރަނގަޅު އަދި ޝައިހްކަމާލް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ބައެއް ކުޅުންތެރިން ނުހިމަނައެވެ. އޭގެ ތެރޭގައި އަބްދުﷲ ހަނީފް (ބެންޖޯ) އަދި ފައްރާހް ހިމެނެއެވެ. މި ދެ ކުޅުންތެރިން ވަނީ އެ މުބާރާތުގައި ޓީސީ ކުޅުނު ހުރިހާ މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނި މޮޅު ކުޅުމެއް ދައްކާފައެވެ.
ފަލަސްތީން އަދި ރާއްޖެ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 28 ވަނަ ދުވަހުއެވެ. އެ މެޗުގެ ކުރިން ގައުމީ ޓީމު އަންނަނީ ރަހްމަތްތެރިކަމުގެ މެޗެއް ރާއްޖޭގައި ކުޅުމަށް މަސައްކަތްކުރަމުންނެވެ.