ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 21:19
ރާއްޖޭގެ ފުޓުބޯލް އެސޯސިއޭޝަންގެ މައި އިދާރާ (އެފްއޭއެމް)
ރާއްޖޭގެ ފުޓުބޯލް އެސޯސިއޭޝަންގެ މައި އިދާރާ (އެފްއޭއެމް)
ވީނިއުސް
މާލޭ ލީގު 2017
މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް
ލީގުގެ ކުޅުން ފެށުމަށް އެޗްޕީއޭއާ މަޝްވަރާކުރަނީ
އެންމެ އަވަހަށް ވެސް ފެށޭނީ އޭޕްރިލް މަސްތެރޭގައި

އެޗް1އެން1 ވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ މާލޭ ލީގުގެ ކުޅުން ފެށޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދައެއް ލިބިގެން ކަމަށް އެފްއޭއެމްގެ ނައިބު ރައީސާ އައިޝަތު ނާޒިމާ ވިދާޅުވެއްޖެ އެވެ.

މާލޭ ލީގުގެ ކުޅުން މެދުކަނޑާލާފައިވާ އިރު، ލީގުގައި އަދި މިހާތަނަށް ކުޅެފައި ވަނީ މަދު މެޗުތަކެކެވެ. އެގޮތުން ބައެއް ޓީމުތަށް ތިން މެޗު ކުޅެފައިވާ އިރު، އަނެއްބައި ޓީމުތަކަށް ކުޅެވިފައި ވަނީ އެންމެ މެޗެކެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނާޒިމާ ވިދާޅުވީ މިވަގުތު ރާއްޖޭގައި ފެތުރެމުންދާ ވައިރަހުގެ ސަބަބުން ލީގުގެ މެޗުތައް މެދުކަނޑާލާފައިވީ ނަމަވެސް އެޗްޕީއޭގެ ހުއްދައެއް ލިބުނު އެންމެ އަވަހަށް ކުޅުން ކުރިއަށްދާނެ ކަމަށާއި އަދި އެކަމާ ގުޅިގެން އެޗްޕީއޭއާއެކު އެފްއޭއެމުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ނާޒިމާ ވިދާޅުވީ މިވަގުތަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ފަރިތަކުރުމަށް ވަގުތު ހުސްކޮށްފައިވާ ދަނޑިވަޅެއް ކަމުން ދެން އެންމެ އަވަހަށް ވެސް މާލޭ ލީގުގެ ކުޅުން ފެށިގެންދާނީ ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ފަހުގައި ކަމަށެވެ.

ގައުމީ ޓީމުގެ މެޗުގެ އިތުރުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ރާއްޖޭގެ މާޒިޔާ އޭއެފްސީ ކަޕްގެ މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެން ކަމުން އެންމެ އަވަހަށް ވެސް މާލޭ ލީގުގެ ކުޅުން ފެށޭނީ އަންނަ މަހުގެ ދެވަނަ ހަފްތާގައި ކަމަށް ބެލެވެ އެވެ.

މި އަހަރުގެ ސީޒަނަށް ހުރިހާ ކްލަބުތަކެއް ވެސް ވަރުގަދަ އަށް ތައްޔާރުވެގެން ނުކުމެފައިވާ އިރު، މިވަގުތު ކުޅުނު މެޗުތަކާއެކު ލީގުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެޓީމުގެ ފަހަތުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން މާޒިޔާ ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އީގަލްސް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.

މާލޭ ލީގުގެ ކުޅުން މެދު ކަނޑާލީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އަދި ލީގު ކުޅުން އޭރު މެދުކަނޑާލިއިރު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ބައްދަލުކުރާ މެޗު އޮތީ ތާވަލުކުރެވިފަ އެވެ.

- ކޮމެންޓް