ހަންގޭރީގެ ބުޑަޕެސްޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިން ކޯސް (އައިސީސީ) ގައި ބައިވެރިވުމަށް ރާއްޖޭގެ ހޭންޑްބޯލް ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސޮފީހު ސާމިރު (ސޮފީ) ފުރައިފި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އެހީތެރިކަމާއެކު ހަންގޭރީއަށް ދިއުމަށް ސޮފީ ފުރާފައިވާ އިރު، މި ފުރުސަތު ސޮފީއަށް ލިބިގެންދިޔައީ ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް އެމްއޯސީން ހުޅުވާލި ފުރުސަތުގައި ބައިވެރިވެ އެންމެ މަތިން މާކްސް ލިބިގެން ކަމަށް އޭނާ ބުންޏެވެ.
ތިން މަސްދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވާ ދިނުމަށް ހަމަޖެހިފައިވަނީ ކުޅިވަރުގެ އެތިކްސް އާއި ސައިކޮލެޖީ އަދި ކުޅިވަރު މެނޭޖްމަންޓާއި ބެހޭ ގޮތުންނެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ސޮފީ ބުނީ މިކޯސް ނިންމާ ރާއްޖެ އައުމަށްފަހު މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ މިހާރު އެކުޅިވަރަކަށް އެންމެ ބޮޑު ލޯތްބެއް ދެވިފައިވާ ކުޅިވަރު ކަމުގައި ހޭންޑްބޯޅަ ކުރިއަރުވަން ކަމަށެވެ. އެހެން ނަމަވެސް ސޮފީ ބުނީ އެމްއޯސީ އާއި ޔޫތު މިނިސްޓްރީގެ ފަރާތުން ކޯހުގައި ކިޔެވި އެއްޗަކާ ގުޅިގެން ކުރިއަށްދާން ފުރުސަތު ލިބިއްޖެނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
ރާއްޖޭގައި ހޭންޑްބޯޅަ މިވަގުތު ކުރިއަރަމުންދާއިރު އެކަމަށް ގާބިލު ކޯޗުން ތިބެންޖެހޭނެކަން ފާހަގަކުރަމުން ސޮފީ ބުނީ ކޯސް ނިންމައި ރާއްޖެ އައިސް އެ އެސޯސިއޭޝަނުން ހިންގާ ކޯޗުން ތަމްރީނުކުރާ ޕްރޮގްރާމުތަކުގައި ކިޔެވި އެއްޗެއްގެ ބޭނުން ވަރަށް ރަނގަޅަށް ބޭނުންކުރެވޭނެ ކަމަށާއި އަދި ރާއްޖޭގެ ހޭންޑްބޯޅަ ކޯޗުންނަކީ މޮޅު ކޯޗުންނަށް ހެދުމަށް ބުރަކޮށް މަސައްކަތްކުރާނެ ކަމަށެވެ.
ސޮފީ ވަނީ މިފުރުސަތު އޭނާއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއިލާއި ހޭންޑްބޯޅަ އާއިލާ ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މީގެ އިތުރުން އެމްއޯސީގެ އިސްވެރިންނަށް ސޮފީ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ސޮފީއަކީ މިހާތަނަށް އުފެދުނު ހޭންޑްބޯޅަ ކޯޗުންގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ ދެވަނަ އޮފީސް ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެމްޕީއެލް އަށް ހޯދައިދީފަ އެވެ.
މީގެ އިތުރުން އޭނާ ވަނީ ރާއްޖޭގައި ބޭއްވި ގިނަ މުބާރާތްތަކެއްގައި އެކި ކްލަބުތަކަށް ކޯޗުކަންކޮށްދީ އެ މުބާރާތްތަކުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފަ އެވެ.