އިސްލާމިކް ސްޓޭޓް (އައިސިސް) ގެ ލީޑަރޝިޕުން އިރުޝާދު ދީގެން ސީރިޔާގައި ހުރި ދިވެއްސެއްގެ އެހީތެރިކަމާއެކު، 2017 ވަނަ އަހަރު މާލޭގައި އައިއީޑީއެއް ހަދާ ވައިގެ މަގުން ގޮއްވާލަން ރޭވި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލަރުންނާ އެކު، ކްރޮސްރޯޑްސްގައި ބޭއްވި މަހާސިންތާގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުުވީ އައިސިސްގެ އިރުޝާދާއެކު މިއައިއީޑީ ހެދީ މާލޭގައި ތިބި ދިވެހިންތަކެއް ކަމަށެވެ. އަދި އެ އޮޕަރޭޝަން ފުލުހުންނާއި ސިފައިންނާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމާއި ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ފްލޮޕް ކޮށްލި ކަމަށް ހަމީދު ވިދާޅުވި އެވެ. މިއޮޕަރޭޝަން ފްލޮޕް ކޮށްލުމުގައި ރާއްޖެ އާއެކު ދުނިޔޭގެ ފަސް ޤައުމެއް ގުޅިގެން މަސައްކަތް ކުރި ކަމަށް ހަމީދު ވިދާޅުވި އެވެ.
އެއީ 2017 ވަނަ އަހަރު މުޅި ދުނިޔޭގައި ހިންގުނު އެންމެ ބޮޑު ކައުންޓަރ ޓެރަރިޒަމް އިންޓަލިޖެންސް އަދި އިންވެސްޓިގޭޝަން އޮޕަރޭޝަން. އަޅުގަނޑުމެން މިގަންދަނީ ޓެރަރިޒަމް އާއި ވައިލެންޓް އެކްސްޓްރީމިޒަމް އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެންމެ ފްރޮންޓް ލައިންގައި ލީޑް ކުރަމުން.ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިޔުމާއި ޓެރަރިޒަމް ހުއްޓުވުމުގައި މަސައްކަތް ކުރާ ދެކުނު އޭޝިޔާ ޤައުމު ތަކުގެ ތެރެއިން އެކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ޤައުމަކީ ރާއްޖެ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.
މި މަހާސިންތާގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އަދި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެން މަހާސިންތާގެ ބައިވެރިންނަށް ރާއްޖެއިން ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިޔުމާއި ޓެރަރިޒަމް ހުއްޓުވުމުގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވި އެވެ.
އަދި މިކަންކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެކަމަށްވެސް އެބޭފުޅުންވަނީ ވިދާޅުވެފަ އެވެ. އެކަން ހުއްޓުވުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަންވެސް މިމަހާސިންތާގައި ކައުންސިލަރުންނަށް މިބޭފުޅުން ދެއްވިއެވެ.