ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓިގެ މޭޔަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ކުރިމަތިލައްވާނެ ކަން އިއުލާނުކޮށްފިއެވެ.
މިކަން އިއުލާނުކޮށް ހޯމަ ދުވަހު އޭނާ ކުރި ޓްވީޓުގައި ވަނީ ކުރިޔަށް އަތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށާއި މާލޭ ސިޓީގެ ރައްޔިތު އެންމެންގެ އިޚްލާޞްތެރި އެއްބާރުލުމަށް އެދި ދަންނަވާ ކަމަށެވެ.
އަލްހާން ފަހުމީ އަކީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަލްހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އޭގެފަހުން އެމްޑީޕީއާ ގުޅިވަޑައިގެން އެމްޑީޕީ ތެރެއިން ނިއު އެމްޑީޕީއެއް އުފައްދަން އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެތެވެ.
އަނެއްކާ އެ ޕާޓީއިން ވެސް ވަކިވެ، އެމްޑީޕީއާ ގުޅުނެވެ. އެމްޑީޕީއިން އޭނާ އެ ފަހަރު ވަކިކުރީ އެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމްއާ ގުޅިވަޑައިގެން އިންތިހާބުގައި އެޕާޓީއަށް ލިބުނު ނާކާމިޔާބީއަށް ފަހު އެޕާޓީން ވަކިވެވަޑައިގަތެވެ. އަލްހާން މިހާރު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރައްވަމުންނެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް އަލްހާން ފަހުމީގެ ފަރާތުން 19 މެއި 2019 ވަނަ ދުވަހު 200،000.00 (ދެލައްކަ) ރުފިޔާގެ ޓްރާންސްސެކްޝަނެއް ހިންގާފައިވާ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ.