ގައުމީ ވޮލީ ޓީމުން ތައިލެންޑުގައި ކުރިއަށްގެންދިޔަ ކޭމްޕްގައި މަސައްކަތް ކޮށްފައިވާނީ ޓީމެއްގެ ގޮތުގައި އެކަތި ގަނޑެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކައި މުބާރާތް ކާމިޔާބުކުރުމުގެ ރޫހުގައި ކަމަށް ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފި އެވެ.
މި މަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ތައިލެންޑުގައި ގައުމީ ޓީމުން ކުރިއަށްގެންދި ދިހަ ދުވަހުގެ ތަމްރީނު ދަތުރު ނިންމާލުމަށްފަހު އާދިއްތަ ދުވަހު ވަނީ މާލެ އައިސްފަ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޝަރަފް ބުނީ ތަމްރީނު ދަތުރުގައި ބޮޑަށް މަސައްކަތް ކޮށްފައިވާނީ މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި އަބަދުވެސް ރަނގަޅަށް އޮންނަ ޑިޕާޓްމަންޓްތައް ވަރުގަދަ ކުރަން ކަމަށެވެ. އެގޮތުން ކައުންޓަރ އެޓޭކްތަކާއި ޑިފެންސް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް މަސައްކަތް ކުރެވުނު ކަމަށް ޝަރަފް ބުންޏެވެ.
މި މޭރުމުން ވާހަކަ ދައްކަމުން ޝަރަފް ބުނީ ރާއްޖޭގެ ޓީމުގެ ކުޅުމުގެ ފެންވަރު މި ސަރަހައްދުގެ ގިނަ ގައުމުތަކަށް އެނގޭނެ ކަމަށެވެ. އަދި އެ ގައުމުތަކުގެ ކުޅުމުގެ ފެންވަރު އެނގޭއިރު ރާއްޖެއަށް ވެސް ގިނަ ފައިދާތަކެއް ހުންނާނެ ކަމަށް ޝަރަފް ބުންޏެވެ.
ގައުމީ ވޮލީ ޓީމުގައި މިފަހަރު ރަނގަޅު ސްކޮޑެއް އޮތް އިރު، ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ހިމެނިފައި ނުވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ޓީމުގެ އެޓޭކަރު ޝާއިން މުހައްމަދު (ޝާހިންޓޭ) އާއި އަލީ އާމިރު (ދިގު އައްޔަ) ހިމެނެ އެވެ. މީގެ އިތުރުން މިފަހަރުގެ ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަޝްފާގު އާދަމް (އައްކަޅޭ) ހިމަނާފައިވެ އެވެ.
އަޝްފާގަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ މި މުބާރާތުގައި ޓީމުގެ ސްކޮޑުން ބާކީކުރި ކުޅުންތެރިއެކެވެ.
މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވެފައި ވަނީ ތުރުކުމަނިސްތާނާއި ނޭޕާލްގެ އިތުރުން ކިރިގިސްތާނެވެ.