ލޭންޑް ޔޫޒް ޕްލޭނާއި ހިލާފަށް މާމިގިލިން ވިލާ ކުންފުންޏަށް ބިމެއް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅައިފި އެވެ.
މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މާމިގިލި ރައްޔިތުންގެ ފަރާތުންނެވެ.
އެ ޕެޓިޝަންގައި ވަނީ ވިލާ ކުންފުނިން އދ. މާމިގިލީގައި ހިންގާ އެއާޕޯޓްގައި ފިއުލް ރައްކާކުރާ ތާންގީތަކެއް ބެހެއްޓުމަށްކަމަށް ބުނެ، އެ ރަށުގެ ބިމެއް ވިލާ އެއާޕޯޓްގެ ބައެއް ކަމުގައި ކަނޑައަޅައިފައިވާކަމަށެވެ. އަދި އެކަމަކީ ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި ރަށުގެ ބިން ބިޑަކާއި ނުލާ ވަކި ފަރާތަކަށް މަންފާވާގޮތަށް ދޫކުރަމުންގެންދާކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.
މީގެއިތުރުން މި ޕެޓިޝަންގައި ބުނެފައިވަނީ މާމިގިލީގެ ބިން ބިޑަކާއި ނުލާ ވިލާ ކުންފުންޏަށް ހަވާލުކުރަމުން އަންނަނީ މާމިގިލި ކައުންސިލްގެ މެމްބަރުން އިސްކޮށް ތިބެގެން ކަމަށާއި އެކަން ރަށުގެ ރައްޔިތުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. އެހެންކަމުން މިކަންކަން ރައްޔިތުންގެ މަޖިލީހުން ހައްލުކޮށްދީ މާމިގިލީ ރައްޔިތިންގެ ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް މި ޕެޓިޝަނުގައި އެދިފައިވެއެވެ.
މާމިގިލި އެއަރޕޯޓް ހިންގަމުން އަންނަ ވިލާ ކުންފުންޏަކީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.