ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދު، މޯދީއާ ބައްދަލުކުރެއްވީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާގެ ދައުވަތަކަށް މަޖިލީހުގެ ވަފްދެއް އިންޑިއާ އަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބުރާސްފަތި ބޭއްވި އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިފައިވަނީ، ސަރަހައްދީ މޫސުމަށް އަންނަ ބަދަލުތަކާއި، ޕެރިސް އެގްރީމެންޓެގެ ލަނޑުދަޑިތަކާއި، އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކުގެ އިތުރުން މުރަކަ ފަރުތައް ރައްކާތެރިކުރުމާއި ބެހޭ ގޮތުން ކަމަަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ޓްވީޓެއް ކުރަައްވާފައެވެ.
މަޖިލީހުގެ ވަފުދު އިންޑިއާ އަށް ކުރައްވާމުން ގެންދަވާ ދަތުރުފުޅުގައި، އެ ވަފުދުގައި ހިމެނިވަޑައިގަންނަވާ މަޖިލީސް މެމްބަރުންވެސް ވަނީ ބޮޑު ވަޒީރު މޯދީއާ ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.
ފަސް ދުވަހުގެ މުއްދަތަކަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ އިތުރުން މެމްބަރުން އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލޮކްސަބާއާ ދެމެދު "އެގްރީމެންޓް ފޮރ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައިވަނީ ސޮއިކޮށްފަ އެވެ.
އެ އެމްއޯޔޫގައި މައިގަނޑުގޮތެއްގައި ހިމެނިފައިވާނީ، ދެ ފަރާތުން ވެސް ބަރުލަމާނީ ގުޅުން ރަނގަޅު ކުރުމަށް ބާރު އެޅުމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ކުރިއެރުމަށެވެ. އަދި ހަމައެއާއެކު މަޖިލީހާއި މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީކުރުމުގެ ގޮތުން ތަމްރީނާއި ފަންނީ ފުރުސަތަކަށް މަގު ފަހި ކުރުމަށްޓަކައި ދެފަރާތުން ރަސްމީ އޮނިގަނޑެއް ވެސް އެކުލަވާލެވޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.