ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 14:39
ލާމު އަތޮޅަށް މަޝްހޫރު ގޮޅަ ރިހަ
ލާމު އަތޮޅަށް މަޝްހޫރު ގޮޅަ ރިހަ
ރާއްޖެއެމްވީ
ލާމު އަތޮޅު
ލާމު ގޮޅަ ރިހަ: ކުރިން ސުފުރާމަތިން، މިހާރު އަތޮޅު ޕްރޮމޯޓް ކުރާ ވަސީލަތަކަށް
މިއީ ފަރުމަހުން ކައްކާ ރިހައެއް
މިރިހަ ތައާރަފް ކުރީ ލާމުގެ ރައްޔިތުން
ފަތުރުވެރިންގެ މެދުގައި ވެސް މިރިހަ މަގުބޫލް

ރާއްޖޭގެ ކޮންމެ ރަށެއްގައި އެރަށަކަށް ޚާއްސަ ވަކި ކަންތައްތަކެއް ހުރެއެވެ. ވަކި ޚާއްސަ ގޮތަކަށް އެރަށެއް މަޝްހޫރުވެގެން ދަނީ ނުވަތަ ލޭބަލް ވެފައި އޮންނަނީ އެހެން ރަށްތަކުގެ މީހުންނާ ހިލާފަށް އެރަށުގެ މީހުން އެކުރާ ޚާއްސަ ކަމަކުންނެވެ. އެގޮތުން ކަރާގެ ވާހަކަ ބުނެފިނަމަ ތޮއްޑޫގެ ނަން، އައްޑޫ ސިޓީ ނަމަ އައްޑޫ ބޮނޑި ނުވަތަ ރިހާކުރުގެ ވާހަކަ ދައްކާނަމަ ދިއްގަރުގެ ވާހަކަ ނައިސް ނުދާނެއެވެ. ނަމަވެސް ލާމު އަތޮޅުގެ ގޮޅަ ރިހައިގެ ވާހަކަ މިފަހަރު މަޝްހޫރުވެފައި މިވަނީ ތަފާތު ގޮތަކަށެވެ. ސަބަބުތަކެއް ނެތިއެއް ނޫނެއެވެ.

ކުރިން ސުފުރާތައް ފަޅު ފިލުވާލުމަށް ބޭނުންކުރި ގޮޅަ ރިހައަކީ ލާމުގެ ރައްޔިތުންނަށް ޚާއްސަ ރިހައެކެވެ. އެވޭލާ މީހުން ބުނާ ގޮތުން ނަމަ މިރިހަ ތައާރަފްކުރީ ވެސް ލާމުގެ ރައްޔިތުންނެވެ. ފަރުމަސް ބޭނުންކޮށްގެން ތައްޔާރުކުރާ މި ގޮޅަރިހައިގެ މީރުކަމުގެ ވާހަކަ މުޅި ރާއްޖެއަށް މިވަނީ މަޝްހޫރުވެފައެވެ. ލާމު ރައްޔިތުން މިރިހަ ތައްޔާރުކޮށްލާ ގޮތަށް އެހެން ބަޔަކަށް މިރިހަ ނުކެއްކޭ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. މިރިހައަށް ބޭނުންކުރާ ދިވެހި ހަވާދު، ފިޔާ، މިރުސް، ދިރި، އިނގުރު، ހިކަނދިފަތް، ލޮނުމެދު، ލޮނު ހިމުންކޮށް މުގުރާފަ ބޭނުން ކުރި ނަމަވެސް އެރަހަ ނުގެނެވެނީ ލާމު ރައްޔިތަކަށް ނުވާތީ ކަމަށްވެސް ވެދާނެއެވެ. މިހިސާބުން ގޮތް ނިންމުމަށް ކިޔުންތެރިނަށް ދޫކޮށްލާނަމެވެ!

ލާމު އަތޮޅުގެ އަންހެން ކަނބަލުން ރިހަ ކެއްކުމަށް ތައްޔާރުވަނީ

އީދުގެ ދުވަސްތަކާއި، ހިތާނީ ހަފްލާތަކުގެ އިތުރުން މުހިންމު ބޮޑެތި ކެއުންތަކުގައި މި ރިހައާ ނުލާ ސުފުރާމަތި ފަޅުނުފިލާއިރު، ލާމު ގޮޅަރިހަ މިހާރު މިވަނީ އިގްތިސާދާ ގުޅި މި ރިހައިގެ މުޅި ތަސައްވުރު ބަދަލުވެފައެވެ. ލާމު ގޮޅަ ރިހަ މިހާރު ހަމައެކަނި ބޭނުންކުރަމުންދަނީ މީރު ކެއުމެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. މުޅި ލާމު އަތޮޅު "ޕްރޮމޯޓް" ކުރުމަށް ބޭނުންކުރާ "ތީމް" އަކަށް ވެސް ލާމު ގޮޅަ ރިހަ މިވަނީ ވެފައެވެ.

ލާމުގައި ބޭއްވި ބޮޑު ކެއުމެއްގެ ތެރެއިން

ލޯކަލް ޓޫރިޒަމް އަތޮޅުތެރޭގައި ކުރިއަރަމުންދާއިރު، އެއަތޮޅުގެ ރައްޔިތުން މިހާރު ޓޫރިޒަމް ކުރިއެރުމަށް ބޭނުންކުރާ އެއް ވަސީލަތަކީ ގޮޅަރިހައެވެ.

ގޮޅަރިހަ ކެއުމަށް ތައްޔާރުވެފައި

އެގޮތުން ގޮޅަރިހައިގެ ތަފާތު ވާދަވެރި ހަރަކާތްތައް އަތޮޅުގެ އެންމެހައި ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައި މިހާރު ގޮޅަ ރިހަ މަގުބޫލެއެވެ.

ގޮޅަ ރިހަ ކެއްކުމަށް ތައްޔާރުކުރެވިފައި

ގޮޅަރިހައާ ބެހޭ ގޮތުން ލާމު ޓުއަރޒް އިން ބުނީ އެއަތޮޅުގެ އާދަ ކާދައާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ގޮތުންނާއި، އެ އަތޮޅު ފަތުރުވެރިންނަށް އިޝްތިހާރު ކުރުމަށް ގޮޅަރިހަ މިހާރު ބޮޑު ރޯލެއް އަދާ ކުރާ ކަމަށެވެ. އަދި ގޮޅަރިހައާ ނުލާ އެއްވެސް ހަރަކާތެއް ނުވަތަ ކެއުމެއް ފުރިހަމަ ނުވާ ކަމަށެވެ. ލާމު ޕްރޮމޯޓް ކުރުމަށް ގޮޅަ ރިހާގެ ތަފާތު ހަރަކާތްތައް ބާއްވަމުން އަންނަ ކަމަށާއި، ހަރަކާތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ލާމު ޓުއަރޒް އިން ބުނެއެވެ. އެންމެ ފަހުން ބޭއްވިގެން ދިޔަ "ލާމު ގޮޅަ ރިހަ ކޭންތަ" އިވެންޓަށް އަލިއަލާއި ލާމު ޓުއަރޒް އިން ބުނީ ކައްކާ ރިހައަކުން މުޅި އަތޮޅު ޕްރޮމޯޓް ވެގެން ދިއުމަކީ ލިބޭ ޝަރަފެއް ކަމަށާއި، ކުރިއަށް އޮތްތާގައި ވެސް މިފަދަ ހަރަކާތްތައް ބާއްވާނެ ކަމަށެވެ.

ގޮޅަ ރިހަ ކޭންތަ އިވެންޓްގެ ތެރެއިން
މިއަތޮޅަށް ޚާއްސަ ވަރަށް ގިނަކަންކަން ހުރޭ. އެކަމަކު ގޮޅަ ރިހަ ކެއުމުގެ ބޭނުމުގަ ލާމަށް އަންނަ މީހުން ވަރަށް ގިނަ. ގޮޅަ ރިހަ ބޭނުންކޮށްގެން ކުރިއަށް ގެންދާ އިވެންޓްތަކުންގެ ސަބަބުން ނަތީޖާ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ފެންނަނީ.
ލާމު ޓުއަރޒް

ކަލްޗަރަލް (ސަގާފީ އަދި އާދަކާދައިގެ) ޓޫރިޒަމްއާއެކު، މިސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ކާމިޔާބު ވެގެންދަނީ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ރައްޔިތުން ކުރާ މަސައްކަތްތަކުންނެވެ. ހުދުރީތި ދޮންވެލިގަނޑުގައި ހިނގާލާ، ނޫކުލައިގެ މޫދަށް އެރުމުގެ މަގުސަދުގައި އަންނަ ފަތުރުވެރިންނަށް އެރަށެއްގެ ތާރީހީކަންކަމާއި، ސަގާފަތް ކަމުދާއިރު މިފަދަ ކަންކަން ހުރިހާ ރަށަކުން ވެސް ޕްރޮމޯޓް ކުރަންޖެހެއެވެ. ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން މިއަހަރުގެ ތެރޭގައި ޒިޔާރަތްކޮށްފައިވާއިރު، މިއަދަދު ޑަބަލް ކުރުމުގެ ބާރު ރައްޔިތުން އަތުގައި އޮތް ކަމާމެދު ޝައްކެއްވެސް ނެތެވެ.

ލާމް ޓުއާޒް އިން ރައީސް ނަޝީދަށް ގޮޅަ ރިހަ ހަދިޔާ ކުރަނީ

މިއަދު ލާމަށް ޒިޔާރަތް ކުރާ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ލާމު ގޮޅަ ރިހަ ބޭނުންކުރާއިރު، މިއީ ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ކަމެކެވެ. ގޭގައި ތިބެގެން ފަސޭހައިން ތައްޔާރުކޮށްލެވޭ މިރިހައިގެ ފައިދާ މުޅި އިގްތިސާދަށް ކުރާއިރު، މިއީ ލާމަށް ލިބޭ އިތުރު ފަހުރަކާއި ޝަރަފެކެވެ.

- ކޮމެންޓް