އަންނަ އޭޕްރީލްމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވާކަމަށް އެކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް އަދި އިންތިޚާބުގެ ކަންކަން ކުރާ ސްޓިއަރިންގ ކޮމިޓީގެ ކަންކަން ބެއްލެވުމަށް އެންމެ އިސްކޮށް ހުންނަވާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ކުރިޔަށް އޮތް ކައުންސިލް އިންތިޚާބަށް އެ ކޯލިޝަނުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ޑރ މުޢިއްޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެކޯލިޝަނުން މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެބައްދަލުވުމުގައި ނިންމީ ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށްވެސް އެކޯލިޝަނުން ނިކުންނަން ކަމަށާއި އަދި އެކޯލިޝަނުން ނިކުންނާނީ ޕީޕީއެމްގެ ޓިކެޓުގަ އެކަނި ކަމަށް ޑރ މުޢިއްޒު ވިދާޅުވި އެވެ.
ހަމައެކަނި ޕީޕީއެމްގެ ޓިކެޓުގައި ނިކުތުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން "ރާއްޖެއެމްވީ" ން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މުޢިއްޒު ވިދާޅުވީ އެގޮތަށް ނިންމީ ދެ ޕާޓީ އެކީގައި މަސައްކަތް ކުރާއިރު އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމްގެ ޓިކެޓުގައި އެކަނި ނުކުންނަ ގޮތަށް ހަމަޖެއްސުން ކަމަށް ޖޮއިންޓް ކައުންސިލް ބައްދަލުވުމުގެ ތެރޭގައި މަޝްވަރާކޮށްގެން ނިންމިގެން ކަމަށެވެ.
ޕީއެންސީގެ މެމްބަރުން ގިނަ ޕީޕީއެމްގެ މެމްބަރުން ނެތް ނޫނީ މަދު ރަށްރަށް ހުރިކަމަށްވާނަމަ އެރަށްރަށުގައި ޕީޕީއެމްގެ ނަމުގައި ކުރިމަތިލާން ބޭނުންވާ ބޭފުޅުން ޕީޕީއެމްގެ މެމްބަރަކަށް ވުމުގެ ފުރުސަތު މިއޮތީ ލިބިފައި. ވެގެންދެން ކުރިމަތިލާން. އެހެންވީމާ އެއީ މިކަން އަޅުގަނޑުމެންގެ ތެރޭގައި ސްމޫތްކޮށް އެންމެ ފަސޭހަގޮތަކަށް އެންމެންނަށް އޮޅުން ބޮޅުން އެރުން ކުޑަގޮތަކަށް އަޅުގަނޑުމެންގެ ތެރޭގައި މިމަސައްކަތް އެއް ރޫހެއްގައި ކުރުމުގައި، އަޅުގަނޑުމެން ހާސިލްކުރަން މިއުޅެނީ ޤައުމީ ޓާގެޓެއް. ޤައުމީ މަސައްކަތެއް ކުރަން މިއުޅެނީ. އެހެންވީމާ މިކަމުގައި އަޅުގަނޑުމެންގެ ފޯކަސް ވީހާވެސް ރަނގަޅަކަށް ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން އެންމެން އެކީގައި މަޝްވަރާކޮށް މިއަދު މިތަނުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި މިގޮތަށް ނިންމީ.ޕީޕީއެމްގެ ނައިބު ރައީސް ޑރ މުހައްމަދު މުޢިއްޒު
މީގެއިތުރުން މުޢިއްޒު ވިދާޅުވީ މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުކުރު ދުވަހު ހުޅުވާލާނެ ކަމަށެވެ. ޕާޓީގެ އޮފީހުންނާއި ރަށްރަށުގެ އެކިއެކި ގޮފިތަކުގެ އޮފީހުން ފޯމު ލިބެން ހުންނާނެ ކަމަށާއި ފޯމު އަންނަ ޖެނުއަރީ މަހުގެ 7 އާ ހަމައަށް ބަލައިގަންނަމުންދާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ. ޖެނުއަރީ 7 އާ ހަމައަށް ޕީޕީއެމްގެ މެމްބަރަކަށް ވާ ކޮންމެ މީހަކަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ އިތުރަށް ދާއިރާތަކަށް މީހުން ކުރިމަތިލައިފިނަމަ އެހުރިހާ ދާއިރާއެއްގައިވެސް ކުރިމަތިލާ މީހުންގެ މެދުގައި ޕްރައިމަރީ ބާއްވާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ.
އެއްވެސް އިސްތިސްނާއެއް ނެތި ޕްރައިމަރީ އެއް ބާއްވަންޖެހޭ ހާލަތު ކުރިމަތިވާ ހުރިހާ ދާއިރާއެއްގައި އަޅުގަނޑުމެން ޕީޕީއެމްގެ ފަރާތުން މިފަހަރު ޕްރައިމަރީ އޮންނާނެ.ޕީޕީއެމްގެ ނައިބު ރައީސް ޑރ މުހައްމަދު މުޢިއްޒު
ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށާއި 17 ޖެނުއަރީ އާ ހަމައަށް ޕީޕީއެމްގެ މެމްބަރަކަށްވާ ކޮންމެ މީހަކަށްވެސް ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ. އަދި ޕްރައިމަރީގައި ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ ދެވަނަ ބުރެއް 31 ޖެނުއަރީގައި ބާއްވާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ.
ހުކުރު ދުވަހުން ފެށިގެން އިންތިޚާބާ ގުޅުންހުރި ޝަކުވާތައް ބަލައިގަތުމަށް ކޮމްޕްލެއިންސް ބިޔުރޯއެއް ހުޅުވިގެންދާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ.