މި އަހަރު އެމެރިކާ މީހުން އެންމެ ދާން ބޭނުންވާ މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ގޫގްލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބުދަ ދުވަހު ގޫގްލު ވަނީ ''2019 އިޔާ އިން ސާޗް''ގެ ނަމުގައި މި އަަހަރު އެންމެ ގިނަ މީހުން ސާޗުކުރި ލިސްޓެއް އާއްމުކޮށްފައެވެ. އެ ލިސްޓުގައި ހަބަރުން ފެށިގެން ގޮސް މުނިފޫހިފިލުވުމުގެ އިތުރުން އެކި ކެޓަގަރީތަކުން މީހުން ސާޗްކޮށްފައިވާ މައުލޫމާތު ހާމަކޮށްފައިވެއެވެ.
އެގޮތުން އެމެރިކާއިން މީހުން ޗުއްޓީއަށް ދާން ސާޗްކުރި ތަނުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭނީ ރާއްޖެ އެވެ. އެ ލިސްޓުގައި ރާއްޖެ ހިމެނިފައިވަނީ ވަރުގަދަ ޖަޕާނާއި، ދުނިޔޭގެ އެންމެ މަގުބޫލު ސިޓީތައް ކަމަށްވާ ނިއުޔޯކް އާއި ލާސްވޭގަސް ފަހަތަށް ޖައްސާލުމަށް ފަހުއެވެ. މި ލިސްޓުގައި ހިމެނޭ ހަމައެކަނި ދެކުނު އޭޝިއާގެ ގައުމަކީ ރާއްޖެއެވެ.
ލިސްޓުގެ އެންމެ ފުލުގައި، އެމެރިކާ ބައްރުގެ މެދުތެރޭ ގައުމެއް ކަމަށްވާ ކޮސްޓަރިކާ ހިމެނިފައިވާއިރު، ނުވަ ވަނާގައި ހިމެނެނީ އެމެރިކާގެ އެންމެ މަގުބޫލު ސީޓީ ކަމަށްވާ ނިއުޔޯރކްއެވެ. އެމެރިކާ މީހުން އެންމެ ގިނައިން ދާން ބޭނުންވާ ގައުމަކަށް އަށްވަނަ އަށް ސާޗްކޮށްފައިވަނީ، އެމެރިކާގެ ތިން ވަނަ އަށް އެންމެ ބޮޑު ކެލިފޯނިޔާ ސްޓޭޓް އެވެ.
ހަވަނާގައި އެލަސްކާ އަދި ހަތް ވަނާގައި މެކްސިކޯ ހިމެނޭއިރު ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްލަން ދާން ސާޗްކޮށްފައިވަނީ ރިސޯޓް ސިޓީގެ ނަމުން މަޝްހޫރުވެފައިވާ ލާސްވޭގަސް އެވެ. ލިސްޓުގެ ތިންވަނާގައި ހިމެނުނީ ފްރެންޗް ޕޮލިނޭޝިއާގެ ބޯރާ ބޯރާއެވެ.
ރާއްޖެ އެމެރިކާ މީހުންގެ މެދުގައި އެންމެ މަގުބޫލް ގައުމުކަން ހާމަވެފައިވާއިރު، ހޮލީވުޑްގެ މަޝްހޫރު ތަރިންގެ އިތުރުން އެމެރިކާގެ ގިނަ ބަޔަކު ދަނީ ޗުއްޓީ އަށް ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 3.5 ޕަސެންޓަކީ އެމެރިކާ މީހުންނެވެ.