އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ކުޅޭ މެޗުގެ ޓިކެޓާއެކު ގައުމީ ޓީމުގެ ޖާޒީއެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
މިހަފްތާގެ ތެރޭގައި ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓު ވިއްކުމަށް އެފްއޭއެމުން ތައްޔާރުވަމުން އަންނަ އިރު، ޓިކެޓާއެކު ގައުމީ ޓީމުގެ ޖާޒީ ލިބޭ އަގުވެސް ވަރަށް ހެޔޮވާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.
އެފްއޭއެމުން ބުނީ ގައުމީ ޓީމުގެ ޖާޒީއެއް ވަކިން ގަންނަން ލިބޭ އަގަށްވުރެ ޓިކެޓެއް ގަނެގެން ޖާޒީގެ އަގު އެތަށް ތަނެއް ހެޔޮވާނެ ކަމަށެވެ.
މި ޕްރޮމޯޝަންގައި ގޮނޑި ބަރިން ޖާޒީއާއެކު ޓިކެޓެއް 200 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 100 ރުފިޔާ އަށެވެ. އަދި ވީއައިޕީން ޖާޒީއާއެކު ޓިކެޓެއް 250 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 150 ރުފިޔާ އަށެވެ.
މި ފުރުސަތުގައި ސިޑިބަރިން ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް ލިބިގެން ނުދާއިރު، ސިޑިބަރީގެ ޓިކެޓްގެ އަގަކީ 50 ރުފިޔާ އެވެ. އެފްއޭއެމުން ބުނީ ގައުމީ ޓީމުގެ ޖާޒީއެއް ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ހަމަޖެހިގެންދާނެ ކަމަށާއި އެގޮތުން ވަކިން ޖާޒީއެއް ގަންނަން ލިބެން ހުންނާނީ 310 ރުފިޔާއަށް ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެރޭ 21:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. ކޮލިފައިންގައި ރާއްޖެއާއެކު ގްރޫޕް ޑީގައި ހިމެނެނީ ފަލަސްތީން އޮމާން އަދި ބޫޓާން އެވެ.