ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 19:23
އެމްޕީއެލް
އެމްޕީއެލް
ރާއްޖެއެމްވީ
އޮޑިޓް ރިޕޯޓް
ބީލަމަކާއި ނުލައި އެމްޕީއެލުން 86 މިލއަން ރުފިޔާގެ ތަކެތި ހޯދާފައިވޭ: އޮޑިޓް ރިޕޯޓް
 
ލޭންޑިން ކްރާފްޓްެގެ އެޑްވާންސް ފައިސާ ނުލިބޭ
 
69.2 މިލިއަން ރުފިޔާ ދޭން ނިންމާފައިވަނީ ކުންފުނީގެ ބޯޑުން
 
މުދާ ގަނެފައިވަނީ 2015 އަހަރާއި 2017 ވަނަ އަހަރާ ދެމެދު

ކުރީގެ ސަރުކާރުގައި ބީލަމަކާއި ނުލައި އުޞޫލުން ބޭރުން، 86.1 މިލިއަން ރުފިޔާގެ ތަކެތި އެމްޕީއެލުން ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ޢާންމުކުރި 2018 ވަނަ އަހަރުގެ އެމްޕީއެލްގެ އޮޑިޓް ރިޕޯޓުގައިވާގޮތުން އެމްޕީއެލްގެ ބޭނުމަށް، ކުރީ ސަރުކާރުގައި 2015 އިން 2017 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ތަކެތި ގަނެފައިވާ ގޮތް ބެލިއިރު، ހާމަކަން ބޮޑު ގޮތެއްގައި ވާދަވެރި ބީލަމަކަށް ހުޅުވައިގެން ގަނެވިދާނެ ކަމަށް ބެލެވޭ މުދަލާއި ޚިދުމަތް ޢާންމުކޮށް އިޢުލާން ނުކޮށް އަދި ވާދަވެރި ބީލަމަކަށް ނުލައި ގަނެފައިވާ ކަމަށެވެ. އެގޮތުން 86.1 މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ވާދަވެރި ބީލަމުގެ އުޞޫލުން ބޭރުގެ އެކި ފަރާތްތަކުން ވަކި ވަކިން ކޯޓޭޝަން ހޯދައިގެން ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވެއެވެެ.

އެ ފައިސާގެ ތެރެއިން 69.2 ރުފިޔާގެ މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިވަނީ ކުންފުނީގެ ބޯޑުގެ ނިންމުމާއި އެކުއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ލޭންޑިން ކްރާފްޓް ގަތުމަށް އެމްޕީއެލުން ދެއްކި ފައިސާ އަނބުރާ ލިބިފައިއެއް ނުވެއެވެ. އެ އުޅަނދު ގަންނަ އެޑްވާންސް ކޮށް ފައިސާގެ ގޮތުގައި 214،500 (ދެ ލައްކަ ސާދަ ހާސް ފަސް ސަތޭކަ) ޑޮލަރު ދޭން ޖެހޭ ޖެހެއެވެ. ރިޕޯޓުގައިވާ ގޮތުން އެ ކުުންފުންޏަށް ލިބެން ޖެހޭ ފައިސާ މިހާތަނަށް ލިބިފައެއް ނުވެއެވެ. އެމްޕީއެލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އަމިއްލަ ދެ ކުންފުންޏަކަށް ތިލަފުށިން ދޫކޮށްފައިވާ ދެ ބިމެއްގެ ލީސް ރައިޓްސް 14.9 މިލިއަން ރުފިޔާ ގަތުމަށް ކުރިޔަށް ގެންދިޔަ މުޢާމަލާތްތައް ހިމެނޭއެވެ.

ތިލަފުށި އެމްޕީއެލް ބޯޓުޔާޑުގައި ހިންގަމުންދާ ބިމާ އިންވެގެން އޮތް 20 ހާސް އަކަ ފޫޓުގެ ބިމަކާއި 12 ހާސް އަކަ ފޫޓުގެ ބިން އެމްޕީއެލުން ވަނީ އެ ދެ ބިން ކުއްޔަށް ނަގައިގެން ބޭނުން ކުރަމުން ދިޔަ ދެ ކުންފުންޏާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ދެ ބިމުގެ ލީސް ރައިޓްސް 14.9 މިލިއަން ރުފިޔާ އަށް ގަނެފައެވެ.

އޭގެ ތެރެއިން 20 ހާސް އަކަފޫޓުގެ ބިން އެމްޕީއެލުން ގަނެފައިވަނީ 7.3 މިލިއަން ރުފިޔާއަށް، އެ ބިން ކުއްޔަށް ނަގައިގެން ބޭނުންކުރަމުން ވިމްލާ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. 12 ހާސް އަކަފޫޓުގެ ބިން އެމްޕީއެލުން ގަނެފައިވަނީ ޖުމުލަ 7.6 ރުފިޔާ އަށް ސަރ ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން އެ ދެ ބިން ބޭނުން ކުރާނެ ހަރުދަނާ ޕްލޭނެއް ހެދިފައިނުވުމާއި އެކު އަދި އެ ދެ ބިމުގެ ލީސް ރައިޓްސް ވިއްކަން ހުށައެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ވަޒަންކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން އޮޑިޓަރ ޖެނެރަލް ލަފާދެއްވީ އެ ދެ ބިމުގެ މައްސަލަ އޭސީސީ އަށް ހުށައެޅުމަށެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުގައި އެނގިފައިވާ ގޮތުން އެމްޕީއެލްގެ ބޭނުމަށް 2016 ވަނަ އަހަރު 6.9 މިލިއަން ރުފިޔާ އަށް އިންޖީނު ނުލާ ގަތް 95 ފޫޓުގެ މުދާ އުފުލާ ލަކުޑި ދޯންޏެއް ބޭނުން ނުހިފާ ދެ އަހަރު ވަންދެން އެހެލާފައި އޮތްކަން ފާހަގަކޮށްފައިވެއެވެ.

މި ދޯނި ގަނެފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ މަޝްވަރާއާއެކު ބޯޑަށް ހުށަހަޅާ ފައިވާ ތިން ކޯޓޭޝަނުގެ ތެރެއިން އެންމެ އަގު ހެޔޮ ފަރާތުންކަމަށް އެ ބައްދަލުވުމުގެ ޔައުމިއްޔާ ގައިވާ ކަމަށް އެމްޕީއެލްގެ އޮޑިޓް ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް އެ ކޯޓޭޝަންތަކަކީ އިޢުލާން ކޮށްގެން ހޯދިފައިވާ ކޯޓޭޝަންތަކެއް ނޫންކަމަށް އޮޑިޓަށް ހާމަވެފައިވެއެވެ.

އޮޑިޓް އޮފީހުން ލަފާދީފައިވަނީ ދޯނި ގަތުމަށް އަގު ހޯދައިފައިވާ ގޮތުގެ ލިޔެކިއުން ނެތުމުން އެއީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ޢަމަލެއް ހިމެނިދާނެކަމަށް ބެލެވޭތީ މައްސަލަ ތަޙްޤީޤުކުރުމަށް އޭސީސީ އަށް ހުށައެޅުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް