މައިގަނޑު އަމާޒަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކައް ކުރިއެރުވުމާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުން ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ގާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް ބިޒްނަސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ އަމާޒަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކައް ކުރިއެރުވުމާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ. އަދި މި ކުރިއެރުން ހޯދުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ކުރާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެފަދަ ބިޒްނަސް ސެންޓަރުތަކުގެ ސަބަބުން ބޭނުންވާ ކުރިއެރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ އަމީރު ވިދާޅުވީ ޑިމާންޑާއި އެއްވަރަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަދަ ކުންފުނިތަކުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ ސެންޓަރުތަކަށް އިންވެސްޓުކުރުމަކުން ނުފުދޭ ކަމަށާއި ފޯރުކޮށްދޭ ޚިދުމަތް ރަނގަޅުވާންވެސް ޖެހޭކަމަށާއި ބީއެމްއެލް އިން އެގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް މަގުކޮށާދޭނެ ބަޔަކަށް ބީއެމްއެލް އިން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވެ ވިޔަފާރިއާއި ސިނާއީ މަސައްކަތްތައް ކުރިއަރާ ދަނޑިވަޅެއްގައި، ތަރައްޤީއާއި އެއްހަމައެއްގައި ފަރުދީ އަދި ވިޔަފާރިތަކަށް ޚާއްޞަ ބޭންކިންގ ޚިދުމަތްތައް ޤާއިމްކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ޤާއިމްކުރެވުނު ބިޒްނަސް ސެންޓަރު ވެގެންދާނީ ވިޔަފާރީގެ އެންމެހާ ބޭނުންތަކަށް އެކަށޭނަ ތަނަކަށް ކަމަށާއި ކަސްޓަމަރުންނަށް ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅުމަށް އެކަށޭނަ މާހައުލެއް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.