ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް މިހާރުވެސް ބޮޑު ހޭދައެއް މި ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައި، ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމުވާކަންކަން ފަހިކޮށްދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދެއްވާކަމަށެވެ. ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް މިހާރުވެސް ބޮޑު ހޭދައެއް ކުރައްވަމުންގެންދަވާކަމަށެވެ.
މީގެއިތުރުން ޑަޔަލަސިސް ފަދަ އައު ޚިދުމަތްތައް ތަޢާރަފުކުރުމުގެ އިތުރުން ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ ޏ. އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާ ހިނިތުންވުމާއެކު މުއާމަލާތްކުރުމަށާއި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޑަޔަލިސިސް ޔުނިޓު އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ނައިބު ރައީސް ވަނީ ޑަޔަލިސިސް ޔުނިޓާ ހޮސްޕިޓަލުގެ ބައެއް ތަންތަން ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް އައިސްތިބި ބައެއް އާންމު ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ.
ޏ. އަތޮޅު ހޮސްޕިޓަލުގައި ބުދަ ދުވަހު އިފްތިތާޙްކުރި ޑަޔަލިސިސް ޔުނިޓުގައި އެއްފަހަރާ ތިން ބަލިމީހުންނަށް ޑަޔަލިސިސް ހެދޭވަރަށް ވަޞީލަތްތައް ޤާއިމު ކޮށްފައިވެއެވެ. އަދި ޏ. އަތޮޅު ހޮސްޕިޓަލަކީ މީހާރުވެސް ދުވާލަކު އެވްރެޖުކޮށް 150 އާއި 200 އާއި ދެމެދުގެ ޢަދަދެއްގެ މީހުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.
ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތަށްފަހު އެމަނިކުފާނު ވަނީ ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި ފުވައްމުލަކުގެ މަގުހަދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިޔަށްދާގޮތް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.