ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ބުދަ ދުވަހު ހެނދުނު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ ސިފައިން ކުރަމުންދާ ކަމަށެވެ.
މިވަގުތު ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ވެސްޓްޕާކް ޞަރަޙައްދާއި އައިޖީއެމް ހޮސްޕިޓަލް ކައިރި މަގުތައްކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ބުދަ ދުވަހު ހެނދުނުން ފެށިގެން މާލެ އަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބުދަ ދުވަހު ހެނދުނު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލަރޓް ވެސް ނެރެފައެވެ.