ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުނުން ލިބޭނަމަ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއެރުވުމުގެ މަސައްކަތުގެ ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީނާސް ވިދާޅުވީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ގިނަ ގުނަ ޤާނޫނުތައް ހެދިފައި ވާ ކަމަށެވެ. އަދި އެ ޤާނޫނުތަކުގެ ދަށުން ގިނަ ކަންތައްތައް ތަންފީޒު ކުރުމަށް ޤަވާއިދުތަކެއް ހެދިފައި އޮތް ނަމަވެސް އިންސާނީ ޙައްޤުތަކާއި ގުޅޭ މައްސަލަތަކަށް ޙައްލެއް ނުލިބި، އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ލިބުން ލަސްވެ، އިންސާފު ނުލިބިދާ ކަމީ ހިތާމަ ހުރި ކަމެއް ކަމަށް ވިދާޅުވިއެވެ.
އިންސާފު ހޯދައިދިނުމަށް ކުރިމަތިވާ ބައެއް ހުރަސްތަކަށް އަލިއަޅުއްވާލައްވާ އީނާސް ވިދާޅުވީ ޤާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާ ނުލިބުމާއި، ދައުލަތާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ލިބެން ޖެހޭ އެއްބާރުލުން އެންމެ އެދެވޭ ގޮތުގައި ނުލިބޭ ކަމަށެވެ.
އިނާސް ވިދާޅުވީ ޤައުމުގެ ތަޢުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޝަންތަކުގައި އެފަދަ ފަންނީ ދާއިރާތަކުން މީހުން ބިނާ ކުރުމަށް މިހާރަށް ވުރެ އިސްކަން ދިނުމާއި ޤައުމުގެ އިޖުތިމާޢީ ޙާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްކުރާ އެންމެހާ އިދާރާތަތަކަށް އެކަށީގެންވާ ބަޖެޓެއް ހަމަ ޖެހިގެން ދިއުމާއި، އެ އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން ލިބޭނަމަ އިންސާފު ހޯދައިދިނުމަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް އަންނާނެ ކަމަށެވެ. އަދި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް އީނާސް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރަމުންދާއިރު މި ދުވަހަށް އދ އިން މިއަަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ 'އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި ދިވެހިން' މިއެވެ.