މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އަކީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާނެ ޕާޓީއެއް ކަަމަށާއި އެމްއާރުއެމްގެ އިސްވެރިން ކުރީ ސަރުކާރުން ޤާނޫނާއި ޚިލާފަށް ބަންދުކޮށް، ޖަލަށްލައި، ނުހައްޤުން އަނިޔާ ދީފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުން ކަމަށް އެމްއާރުއެމް އިން ބުނެފި އެވެ.
ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކަމަށާއި ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި މީހަކުނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނުދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަކީ މިސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ވަރުގަދަ އިންޒާރެއް ކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ މުއައްސަސާތަުންނާއި އާންމުން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް އެމްއާރުއެމް އިން ވަނީ ބުނެފައެވެ.
ޤާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތައް މުސްތަޤިއްލު އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވުމަށް ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ވޭތުވެދިޔަ އަހަރު ތަކުގައި ކަންކަން ހިނގާފައިވަނީ އެގޮތަށް ނޫންކަމަށް މިބަޔާނުގައިވެ އެވެ.
އެހެންނަމަވެސް މިސަރުކާރުން އައިސް އެކަންކަން ބައްލަވާ ބައެއް މައްސަލަތަކުގައި ފިޔަވަޅު އަޅުއްވާފައިވާ ކަމީ މިސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތައް ރައްޔިތުންނަށް ފެނިގެންދާ ކަމެއްކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.