މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް މަސްގަނެ މަހުގެ އުފެއްދުންތައް އިތުރުކުރުމުގެ ގާބިލްކަން ބިނާކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިޞާދުގެ އެންމެ ބޮޑު ބާރަކަށް ވެގެންދާނީ މަސްވެރިކަން ކަމަށާއި މިއީ ނުކުރެވޭވަރުގެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
އެންސިސް ދަޅުމަސް ފެކްޓްރީ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ އިހުއްސުރެ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށާއި ފަތުރުވެރިކަމާއި އެހެން ބައެއް ސިނާޢަތްތަކާއެކު އިގްތިޞާދީ ރޭހުގައި މަސްވެރިކަން މިހާރު މިއޮތީ ތަންކޮޅެއް ފަހަތަށް ސޮއްސާލާފައި ކަމަށެވެ. މަސްވެރިކަމަށް މިހާލަތު މެދުވެރިވުމުގެ މައިގަނޑު ސަބަބަކީ މަސްވެރިކަން ފުޅާވެ ކުރިއަރައިގެން ދިޔަވަރާއި ގާތަށް މަސްވެރިކަމުގެ ސިނާޢަތްތައް ކުރިއަރުވަން މަސައްކަތް ނުކުރެވުން ކަމަށް ރައީސް ވިދާޅުވި އެވެ. މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ގާބިލްކަން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ނެތުން ކަަމަށާއި މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ގާބިލްކަން ނެތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ކަނޑުތަކުގައި މަސްވެރިން އާލާވެފައިވާ ގޮތާއި ދިވެހިން މަސްވެރިކަން ކުރާގޮތަށް ބަލާއިރު މަސްވެރިކަމުގެ ރަންޒަމާން އަނބުރާ އިޔާދަކުރުމާމެދު އެއްވެސް ޝައްކެތް ނެތް. މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް މަސްގަނެ މަހުގެ އުފެއްދުންތައް އިތުރުކުރުމުގެ ގާބިލްކަން ބިނާކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިޞާދީ އެންމެ ބޮޑު ބާރަކަށްވެގެންދާނީ މަސްވެރިކަން. މިއީ ނުކުރެވޭވަރުގެ ކަމެއް ނޫން. ނަމަވެސް މިއީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މިމަގްސަދު ހާސިލްވާނީ ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް އަތާއަތް ގުޅާ އެއް މިސްރާބަކަށް އަމާޒު ހިފައިގެން.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން އިންވެސްޓް ކުރުމުގެ ފޮނި ނަތީޖާ މިއަދު ފެންނަމުންދާ ކަމަށެވެ. އެގޮތުން އެންޒިސްއިން މިގާއިމުކުރި 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުން ދޭހަކޮށްދެނީ މަސްވެރިކަމުގެ ސިނާޢަތަކީވެސް ރަނގަޅު ރޭވުންތަކަކާއި ދުރު މުސްތަގުބަލްގެ ވިސްނުންތަކާއެކު އިންވެސްޓް ކޮށްފިނަމަ އެކަމުން ރަނގަޅު ފައިދާ އާއި ނަފާ ހޯދޭނެ ސިނާޢަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ކިތަންމެ ގިނައިން މަސްބޭނިއަސް ބާނާ މަހުގެ ބޮޑު ބައެއް ނުއަގުގައި ވިއްކަން ޖެހުމަކީ ހިތާމައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާނާ މަހުގެ ދެބައި ކުޅަ އެއްބައިވެސް އޭގެ އަގު އެއްކުރެވިގެން ވިއްކޭނެ ގޮތަށް އުފެއްދުންތަށް ތައްޔާރު ނުުކުރެވޭތީ ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހުމަކީ އިގްތިޞާދަށް ލިބޭ ބޮޑު ގެއްލުމެއް ކަަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަންކަން ހައްލުކޮށް ދިވެހި ކަނޑުމަހަށް ރަނގަޅު އަގު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ނޫނީ މަސްވެރިކަމުން ރާއްޖޭގެ އިގްތިޞާދީ ތަރައްޤީއަށް ލިބެންޖެހޭ ހަގީގީ ފައިދާ ނުލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ދިވެހި ކަނޑުމަހަށް ހަމައަގު ލިބިގެން މިދަނީ ދަޅުގާ ބަންދުކުރެވިގެން ނޫނީ ވެލިޔު އެޑް ކޮށްގެން ޕްރޮސެސް ކޮށްގެން އެކްސްޕޯޓް ކޮށްގެން ކަަމަށް ރައީސް ވިދާޅުވި އެވެ.
އެންޒިސްގެ މިކާރު ހާނާއަކީ މާލެ ސަރަހައްދުގައި ހުޅޭވޭ މިފަދަ ފުރަތަމަ ކާރު ހާނާ. މިކާރު ހާނާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އެތައް ގޮތަކުން ދިރުން ލިބޭނެ ކަމާމެދު ޝައްކެތްނެތް. މިކާރުހާނާގެ އިތުރުން އެންޒިސްގެ ފަރާތުން މިއަދު ހުޅުވާ 100 ޓަނުގެ އައިސްޕްލާންޓަކީ މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ވަސީލަތެއް. އަމިއްލަ ކުންފުނިތައް މިފަދަ ބޮޑެތި ސިނާޢަތްތަކަށް ވަނުމަކީ ޤައުމީ ފެންވަރުގައިވެސް އަދި ފަރުދުންގެ ފެންވަރުގައިވެސް ވަރަށް ބޮޑެތި އިގްތިޞާދީ ފައިދާތައް ލިބޭނެ ކަމެއް. މިފަދަ ކޮންމެ މަސައްކަތެއްގެ ސަބަބުން ވަޒީފާގެ އެތައް ފުރުސަތެއް ތަނަވަސް ވެގެން އެބަދޭ. މިކާރުހާނާ އާއި ކާރުހާނާއާއި ގުޅިފައިވާ އެހެން މަސައްކަތްތަކުން ދިވެހިންނަށް ޚާއްސަ 400 ށްވުރެ ގިނަ ވަޒީފާ ލިބިގެންދޭ. އޭގެތެރެއިން 175 ވަޒީފާއަކީ ހަމައެކަނި އަންހެނުންނަށް ޚާއްސަ ވަޒީފާ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ ރާއްޖެއަކީ ފެށުނީއްސުރެވެސް ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް ކުރަމުން އަންނަ ގައުމެއް ކަމަށެވެ. އަދި ޒަމާނާއެކު މަސްވެރިކަމުގެ ސިނާޢަތަށް އިންގިލާބީ ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި ނަމަވެސް ބަދަލުނުވެ އޮތީ ދަމަހައްޓަމުން އަންނަ ދޮށީގެ މަސްވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި މަސްވެރިކަމުގެ ފުރާނައަކީ ދޮށީގެ މަސްވެރިކަން ކަމަށާއި ދިވެހި މަސްވެރިކަމުގެ ރޫފަ މިއަދާ ހަމައަށް ރަނގަޅުވެފައި އޮތުމުގެ ސިއްރަކީ ތިމާވެއްޓާ ރަހުމަތްތެރި މަސްވެރިކަން ދެމެހެއްޓުމަށް އިސްކަންދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުތަކުގައިވެސް އެންމެ މަގްބޫލުވަމުން އަންނަނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތުގައި ކުރެވޭ މަސްވެރިކަން. އެހެންކަމުން ދިވެހިން ބާނާ މަހަށް ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި ދިވެހި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް އިސްތިހާރުކޮށް ރަނގަޅު ބާޒާރުތައް ހޯދުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ހޯދުމަކީ މުހިންމު ކަމެއްކަމަށް އަޅުގަނޑު ދެކެން. ދިވެހި މަސްވެރިންނާއި މަސްވެރިކަމުގެ ކުންފުނިތައް މިކަމުގައި ކުރިޔަށްދާން ބޭނުންވާވަރަކުން އެއްބާރުލުން ލިބޭނެ. ދިވެހި މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދީ މަސްވެރިންނަށް ދަތިވާ ކަންތައްތައް ހައްލު ކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އެންޒިސް ދިވެހި މަސްވެރިންނަށް ފަހިކޮށްދީފައިވާ ލުއި ފަސޭހަތަކަކީ ރާއްޖޭގެ އިގްތިސާދީ ތަރައްޤީއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ އެންޒިސްގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފަ އެވެ.