މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މިދިޔަ ނޮވެންބަރު މަހު މޮރޮކޯއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ޑރ. ސާދު ހަދިޔާ ކުރެއްވި އަގުބޮޑު ކާޕެޓެއް، އެމަނިކުފާނު ގެއަށް ގެންދެވި ކަމަށް ބުނެ ރާއްޖޭގެ މީޑިއާގައި ފަތުރަމުންދާ ޚަބަރުތައް އެމިނިސްޓްރީން ދޮގުކޮށްފިއެވެ.
ކާޕެޓް ޝާހިދު ގެޔަށް ގެންދެވި މައްސަލައެއް އެންޓި ކޮރަޕްޝަނަށް ހުށަހަޅާފައިވާކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ މިއުވާން މުޙައްމަދު ވިދާޅުވީ، މޮރޮކޯގެ ބޮޑު ވަޒީރު ހަދިޔާ ކުރެއްވި ކާޕެޓު ފޮރިން މިނިސްޓަރ ގެޔަށް ނުގެންދަވާކަމަށާއި، މޮރޮކޯއިން ގެނައި ގޮތައް މިނިސްޓްރީގައި ކާޕެޓް އެބައޮތްކަމަށެވެ.
މިއުވާން ވިދާޅުވީ، ރަސްމީ ދަތުރުފުޅުތަކުގައި އެހެން ސަރުކާރުތަކުންނާއި، އިސް މަސްއޫލުވެރިން ހަދިޔާކުރާ ތަކެތި ވަކި އުޞޫލެއްގެ ދަށުން މިނިސްޓްރީން އިންވެންޓަރީ ބަލަހައްޓަމުންގެންދާކަމަށެވެ. އަދި އެއޮންނަ ޕްރޮޓޮކޯލުން ބޭރުން ނުވަތަ އުޞޫލާއި ޚިލާފަށް މިނިސްޓްރީން ޢަމަލު ނުކުރާނެކަމުގެ ޔަޤީންކަން މިއުވާން ވަނީ ދެއްވާފައެވެ.
މިއުވާން ވިދާޅުވީ، މީޑިއާތަކުގައި ކާޕެޓާއި ގުޅުވައިގެން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، މިނިސްޓަރާއި މިނިސްޓްރީގެ އަގުވެއްޓޭ ފަދަ ގޮތަކަށް ވާހަަކަ ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ޑރ. ސާދު، ވަޒީރު ޝާހިދަށް ދެއްވި ކާޕެޓެއް ގެޔަށް ގެންދެވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ ޢާންމު ފަރާތަކުންނެވެ. އަދި ގެއަށް ގެންދެވި ކަމަށް ބުނާ ކާޕެޓުގެ މައްސަލަ މީޑިއާއަށް ފެންމަތިވުމުން ޝާހިދު ކާޕެޓު އަނބުރާ ދައުލަތައް ދެއްވުމަށް ނިންމަވާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މިމައްސަލައާއި ގުޅޭ ގޮތުން އަދި އޭސީސީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.