ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
މިދަތުރުފުޅަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ލޮކްސަބާ އާދެމެދު "އެގްރީމެންޓް ފޮރ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ވަފުދު އިންޑިއާއަށް ފުރާފައިވާއިރު، ރަސްމީ މަސައްކަތްތައް ހަމަޖެހިފައިވަނީ މިމަހުގެ 09 އިން 13 އަށެވެ.
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އެ އެމްއޯޔޫއާ ގުޅޭގޮތުން ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާގައި ތަފްސީލް ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، މި އެމްއޯޔޫގައި މައިގަނޑުގޮތެއްގައި ހިމެނިފައިވާނީ، ދެ ފަރާތުން ވެސް ބަރުލަމާނީ ގުޅުން ރަނގަޅު ކުރުމަށް ބާރު އެޅުމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ކުރިއެރުމަށް ކަމަށެވެ. އަދި ހަމައެއާއެކު މަޖިލީހާއި މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީކުރުމުގެ ގޮތުން ތަމްރީނާއި ފަންނީ ފުރުސަތަކަށް މަގު ފަހި ކުރުމަށްޓަކައި ދެފަރާތުން ރަސްމީ އޮނިގަނޑެއް ވެސް އެކުލަވާލެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން ދެފަރާތުން ވެސް ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލުކުރުމާއި ބައިނަލް އަގްވާމީ ބައްދަލުވުންތަކުގައާއި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވާ މަގުފަހި ކުރުމަށްވެސް މަގުފަހުވެގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސް ތަކާއެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިސްލާމީ ދައުލަތްތަކުގެ، އިސްލާމީ ކޮންފަރެންސްގައި ހިމެނޭ ހުރިހާ ގާނޫނު ހަދާ މަޖިލިސްތަކެއްގެ ކޮންފަރެންސެއްް އަންނަ ޖެނުއަރީ މަހު، ބޮކިނޯފަސާގައި އެބައޮތް އެބައޮތް ކަމަށާއި އެ ކޮންފަރެންސަށްވެސް ދައުވަތު ލިބިފައިވާ ކަމަށެވެ.