Advertisement
ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 22:25
ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ވަޑައިގަތުން
ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ވަޑައިގަތުން
ރައީސް އޮފީސް
ނައިބު ރައީސް
ނައިބު ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފި
ނައިބު ރައީސް ވަނީ އިންޑިއާއިން ރާއްޖެއާއި މެދު ބާއްވާ ގާތްގުޅުމަށް ޝުކުރު އަދާކުރައްވާފައި
ނައިބު ރައީސް ވަނީ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފަ
އެމަނިކުފާނު ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ 3 ދުވަސް ފަހުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

މި މަހުގެ 4 އިން 7 އަށް އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅުގައި އިންޑިއާގެ ދެ ސްޓޭޓަކަށް ޒިޔާރަތްކުރައްވާ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ދެ ޤައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ.

އިންޑިއާގެ ކެރަލާ ސްޓޭޓަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ދަތުރުފުޅުގައި، ނިމްސް މެޑިސިޓީއަށް ޒިޔާރަތްކުރައްވާ، އެ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން ނިމްސް ހޮސްޕިޓަލުގެ އެކި އެކި ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލެއްވިއެވެ. އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ، އިންޑިއާގެ ހޮސްޕިޓަލްތަކަކީ ދިވެހިންނަށް އަބަދުވެސް މަރުޙަބާ ކިޔާ ދިވެހިން އެ ތަންތަނުގެ ޚިދުމަތް ވަރަށް ގިނައިން ހޯދަމުން އަންނަ ހޮސްޕިޓަލްތަކެއްކަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖެއާ މެދު އިންޑިއާއިން ބަހައްޓާ ގާތްގުޅުމާއި ވެދެމުން އަންނަ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވަފައެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން އިންޑިއާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނުވަނީ ކޮންސިއުލޭޓުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވައި ކޮންސިއުލޭޓުން ދިވެހިންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވައި އެތަނުގެ އިސްވެރިންނާ މަޝްވަރާކުރެއްވާފައެވެ.

އަދި، ތިރުވަނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންނާއިވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ، ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެޤައުމެއްގެ ޤާނޫނުތަކާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތާބަޔަކަށް ދިވެހިން ވާންޖެހޭކަން ފާހަގަކުރައްވާ، ބޭރު ޤައުމެއްގައި ދިރިއުޅުނު ނަމަވެސް، އެ ޤައުމެއްގެ ރައްޔިތުންނާއި ގުޅިގެން އެކުވެރިކަމާއެކު ދިރިއުޅުމަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement

އިންޑިއާގެ ކަރްނާޓާކާ ސްޓޭޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، ބެންގަލޫރުގައި ހުންނަ ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް ޒިޔާރަތްކުރައްވާ، އެތަނުގައި ފަރުވާ ހޯދަމުންދާ ދިވެހިންނާއި ބައްދަލުކުރައްވާފައެވެ. އެ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ ޢާއިލާތަކާއި މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެ ހޮސްޕިޓަލުގެ އެހީތެރިކަން ހޯއްދެވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކެއަރ ހޮސްޕިޓަލްސްގެ ފަރާތުން ވަނީ ދިވެހި ސަރުކާރުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޤާއިމްކުރާ ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަރްނާޓާކާ ސްޓޭޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ބެންގަލޫރުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއި ބައްދަލުކުރައްވާ، އެ ޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތާއި ކުރިމަތިވާ ދަތިތަކާއިބެހޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ ކުރިޔަށްއޮތް ކައިރި މުސްތަޤުބަލުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

އަދި، ތަޢުލީމާއި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ، އެމަނިކުފާނުވަނީ، ރާއްޖޭގެ ރަށްތަކުގައި ތިބެގެން ރަނގަޅު ފެންވަރުގެ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ރަށުން ލިބޭ ޞިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފާއި، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް