ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ ބުރާސްފަތި ދުވަހު ކުރިޔަށްދާ މަޖިލީހުގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ޖަލްސާގެ ހުސްވަގުތުކޮޅަށްފަހު 1 ޖެހިއިރު، ފެށުމާއެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީ މެމްބަރުން ގެންދެވީ ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލާ އަޑުގަދަ ކުރައްވަމުންނެވެ. ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރުތައް ހިތްޕަވައިގެން ތިއްބަވާ އަޑުގަދަ ކުރައްވަމުން ގެންދަވާއިރު މެމްބަރުން ބަހުސްކުރައްވަމުން ގެންދަވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހުގެ ނައުމުގެ ބިލުގެ ކޮމިޓީ ރިޕޯޓަށެވެ.
ވާހަކަދައްކަވަމުން ގެންދަވާ މެމްބަރުންގެ މައިކު ކައިރީގައި ތިއްބަވައިގެން އެމެމްބަރުން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައްވަމުން ގެންދަވާތީ މެމްބަރުން ދައްކަވަމުން ގެންދަވާ ވާހަކަތައް ރަނގަޅަށް ސާފެއް ނުވެއެވެ.
މީގެކުރިން ބޭއްވި ދެ ޖަލްސާއެއްގައިވެސް އިދިކޮޅު މެމްބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައްވާ އިހުތިޖާޖު ކުރައްވާފަ އެވެ. އަދި އެއް ޖަލްސާއެއްގައި ވޯޓު ނެގި ގަޑީގައި އެމެމްބަރުން އިހުތިޖާޖު ކުރައްވަން ފެއްޓެވުމުން އެމެމްބަރުންގެ ނަން އިއްވާ ތަޅުމުން ނެރެފައިވެސް ވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރ އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެމަނިކުފާނު މިހާރު ހުުންނެވީ ޖަލު ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގަ އެވެ.
ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މާލޭގައިވެސް ޕީޕިއެމް ޕީއެންސީ މެމްބަރުން ގެންދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ.