މިހާރު ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރމުންދާ އެޗް1 އެން1 ރޯގާ އާއި ގުޅުގެން އޮލިމްފަހުގައި މިހާރު އަޅުވާފައިވާ ދިވެހި ފިލްމް " މަލިކާ" ދެއްކުން މެދުކަނޑާލުމަށް ހަމަޖައްސައިފި އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމްގެ މާކެޓިން ހެޑް ހުސައިން ނޫރައްދީން ބުނީ މިހާރު ފެތުރެމުންދާ ރޯގާ އާ ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އެޗްޕީއޭއިންވެސް އިލްތިމާސް ކުރަމުންދާތީ މިއަދުނެފެށިގެން މަލިކާ އެޅުވުން މެދުކަނޑާލަފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހުގެ ރޭ ފަހު ޝޯ އެޅުވުމަށް ނިންމާފއިވާއިރު މިހާތަނަށް ޝޯތައް ހުއްޓަނުލާ ކުރިއަށް ގެންދިޔައީ އެއީ މީގެ ހަފްތާއެއް ކުރިން ޓިކެޓް ވިއްކާފައި ހުރި ޝޯތަކަށް ވާތީ ކަމަށެވެ.
ނޫރު ބުނީ މިދުވަސްކޮޅު ޓިކެޓް ވިއްކުންވެސް މެދުކަނޑާލާފައިވާ ކަމަށާއި އިތުރަށް ޝޯތައް އަޅުވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ޝޯތައް އެޅުވުން މަޑުޖައްސާލާފައިވާ ކަމަށް ނޫރު ބުންޏެވެ.
މިހިނގާ މާރޗް މަހުގެ 1 ވަނަ ދުވަހު ދައްކަންފެސި މި ފިލްމުން ބެލުންތެރިންނަށް ދޭން ބޭނުންވާ މެސެޖް ރަނަގަޅަށް ދެވުނު ކަމަށާއި ފިލްމް ބެލި ބެލެނިވެރިންގެ ފަރާތުންވެސް ޕްޒިޓިވް ކޮމެންޓްސްތައް ލިބިގެންދިޔަ ކަމަށް ނޫރު ބުންޏެވެ.
އަދި ބައެއް ސްކޫލްތަކުގެ ޕީޓީއޭއިންވެސް މަލިކާ ޓީމާއި ގުޅިގެން ދެފަރާތުން އެއްބސްވާ ގޮތުގެ މަތިން ޕީޓީއޭއަށް ފައިސާ ހޯދުމަށް މި ފިލްމް އިތުރަށް އެޅުވުމަށް ވާހަކަ ދެކެވިފައިވާ ކަމަށް ވެސް ނޫރު ބުންޏެވެ.
އަހުމަދު ނާސިރު ( މައްލާ) އާއި އިބްރާހިމް ރަޝީދު (އިއްބެ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދު ލިޔެފައިވާ އާއިލީ ލޯބީގެ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
މި ފިލުމްގައި ހިމެނޭ ތަރިންގެ ތެރޭގައި ފިލްމީ ދާއިރާއަށް އަލަށް ތައާރފްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި މަރިޔަމް ޝަކީލާ، އިސްމާއިލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އަސިމް، ފާތިމަތު އާޒިފާ، ޖުމައްޔިލް ނިމާލް، އަލީ އާޒމް، ސުޖީތާ އަބްދުﷲ އަދި އަހުމަދު ޝާކިރު ހިމެނެއެވެ.