ފަންނީ މީހުން ނެތި ނުބެލެހެއްޓިގެން ފެނާއި ނަރުދަމާ ނިޒާމުތައް ހަލާކުވާ ކަމަށް ލިޔެފައިވާ ޚަބަރު ފެނަކަ ކޯޕްރޭޝަން ލިމިޓެޑުން ދޮގުކޮށްފިއެވެ.
ފެނައިން ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ''ސަން'' ގައި "ނުބެލެހެއްޓިގެން ފެނާއި ނަރުދަމާ ނިޒާމުތައް ހަލާކުވާތަން ދަނީ ފެންނަމުން: އާޒިމް'' މިމައުޟޫއުގެ ދަށުން ލިޔެފައިވާ ލިޔުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި ކަމަށް ބަޔާންކޮށްފައިވާ ވާހަކަތަކަކީ، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ކަންކަން ހިނގަމުންދާ ގޮތަށް ރިއާޔަތް ކުރުމެއްނެތި، ލިބިފައިވާ މަދު އަދި ކުށް މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއް ކަމަށެވެ.
ފެނަކައިން ބުނީ، އެކުންފުނިން ހިންގާ ނަރުދަމާ ނިޒާމުތަކުގެ ތެރެއިން މައްސަލަ ދިމާވެގެން އެމްޑަބްލިއުއެސްސީ އިން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، އެމްޑަބްލިއުއެސްސީ އިން ޑިޒައިންކޮށް ގާއިމްކޮށްފައިވާ ނިޒާމުތަކެއްގެ ޑިޒައިން މައްސަލަތަކެއްގެ ސަބަބުން ދިމާވި ކަންތައްތަކާއި ގުޅިގެންނާއި މަޝްރޫއުތައް ހިންގިއިރު ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ދިމާވެފައިހުރި ކަންތައްތަކެއް ހައްލުކުރުމަށް ކަމަށެވެ.
ފެނަކައިން ބުނީ މިހާތަނަށް އެކުންފުނިން ހިންގައި ބަލަހައްޓަމުންދާ ނަރުދަމާ ނިޒާމުތަކަށް ދިމާވާ މައްސަލަތައް ހައްލުނުކުރެވި ދިގުލައިގެން ގޮސްފައިވަނީ އެމްޑަބްލިއުއެސްސީން ޕަމްޕްތައް ސާރވިސް ކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ނަގައި، ޕަމްޕްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އާދަޔާ ހިލާފަށް ލަސްވުމުގައި ސަބަބުންނާއި އަލަށް އޯޑަރ ކުރެވޭ ޕަމްޕްތައް ފޯރުކޮށްދިނުމުގައި ވެސް ދިގު މުއްދަތެއް ނެގުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް އެމްޑަބްލިއުއެސްސީ އަށް ބަރޯސާވެގެން އެކަންކަން ކުރިއަށް ގެންދަން ޖެހިފައިވަނީ ގިނަ ނިޒާމުތަކަކީ އެމްޑަބްލިއުއެސްސީ އިން ގާއިމްކޮށްފައިވާ އަދި އެމްޑަބްލިއުއެސްސީން ވިއްކާ ޕަމްޕް ހަރުކުރެވިފައިވާ ނިޒާމުތަކެއް ކަމަށްވާތީ ކަމަށް ފެނަކައިން ބުނެއެވެ. އަދި ޕަމްޕްތަކުގެ މައްސަލައަށް މިހާރު މިކުންފުނިން ފަސޭހަ އަލިމަގެއް ހޯދާފައިވާތީ، 2020 ވަނަ އަހަރުން ފެށިގެން އެފަދަ ދަތިތައް ތަހައްމަލް ކުރަން ނުޖެހޭނެ ކަމުގައި ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ.
ފެނަކައިން ބުނީ، އެކުންފުނިން ހިންގައި ބަލަހައްޓަމުންދާ ފެނާއި ނަރުދަމާ ނިޒާމުތަކަށް މިހާތަނަށް ދިމާވެފައިވާ މައްސަލަތަކުގެ %95 އަކީ އެނިޒާމުތައް ގާއިމްކުރުމުގައި އިހުމާލު ވެފައިވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއް ކަމާއި، ނުބެލެހެއްޓިގެން މިހާތަނަށް އެއްވެސް ނިޒާމަކަށް މައްސަލަ ދިމާވެފައިނުވާ ކަމަށެވެ.