އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާއިރު މިހާރު ބަޖެޓު އޮތީ ފާސްކުރުމާ ހަމައިގައެވެ. އަންގާރަ ދުވަހު ބަޖެޓުގެ ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހަޅާފައިވާއިރު މިހާރު މެމްބަރުން ގެންދަވަނީ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. ބުރާސްފަތި ދުވަހު ބަޖެޓު ފާސްކުރުމަށް މަސައްކަތް ކުރާއިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ސިފަ ކުރައްވަނީ އުންމީދީ ބަޖެޓެއްގެ ގޮތުގައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ މިއީ ޖަޒީރާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް އެކަންކަން ހިމަނައިގެން މަޖިލީހަށް ހުށަހަޅުމުގެ ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ބަޖެޓް ކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓު ދިރާސާކުރި ކޮމިޓީން ބަޖެޓު ދިރާސާކުރުމަށްފަހު ތަޅުމާ ހަމައަށް ބަޖެޓު ގެނައިރު ބަޖެޓަށް ވަނީ 366 މިލިއަން ރުފިޔާ އިތުރުވެ ބަޖެޓުގެ ޖުމުލަ އަދަދު 37.8 ބިލިއަނަށް ބޮޑެވެފައެވެ. އެއާއެކު ބަޖެޓު ޑެފިސިޓްވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. އެކަމަކީ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ކަންބޮޑުވުން ފާޅުކުރެއްވި ކަމެކެވެ. ނަމަވެސް އެކަންކަމާއެކުވެސް ބަޖެޓުގައި ހުރި ކަންކަން ފުރިހަމައަށް ތަންފީޒުވެގެން ދިޔުމަކީ މެމްބަރުން އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ކަންތަކެވެ.
ބަޖެޓުގެ ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން އެކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް ބަޖެޓު ސިފަކުރެއްވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދެވޭ އަދި ޤައުމުގެ މާލިއްޔަތަށް ފެތޭ ސަރުކާރުގެ ޕްރޮގްރާމުތައް ހިންގޭނެ ބަޖެޓެއްގެ ގޮތުގައެވެ. ނާޝިޒް ވިދާޅުވީ މިއީ ހަމައެކަނި ރީތި ހިސާބު އަދަދުތަކެއް ޖަހައިގެން އެކުލަވައިލި ބަޖެޓެއް ނޫންކަމަށެވެ. މި ބަޖެޓަކީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތަކުގެ ތަފްސީލުތައް، އެ ކަންކަން ހިންގުމަށް ބޭނުންވާ އަދަދުތައް ޖަހައިގެން ތައްޔާރުކޮށްފައިވާ ވަރަށް ތަފްސީލީ ބަޖެޓެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޖަޒީރާ މެނިފެސްޓޯގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، މި ރާއްޖޭގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގައި، ކައުންސިލުތައް ބާރުވެރިކުރުން. ޙަޤީޤީ މާނައިގައި މި ރާއްޖެ ލާމަރުކަޒީކޮށް، ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން، އޭގެ ޙަޤީޤީ ފައިދާ ރައްޔިތުންނަށް ހޯދައިދިނުން. މާލޭގައި ހުންނަ އޮފީހަކަށް ލިޔެ، ދަންނަވައި، އާދޭސްކޮށްގެން އެ އޮފީހުގައި ތިބޭ ވެރިންގެ ގާތަށް ހިނގައިގެން ނޫނީ އެއްވެސް ކަމެއް ނުވާ އުސޫލަށް ނިމުމެއް ގެނައުން. ކައުންސިލުތަކަށް ބާރާއި އިޚްތިޔާރު ފުރިހަމައަށް ދީގެން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދީ، ދައުލަތުގެ ބަޖެޓުން ރަށުގެ ކަންކަން ހިންގޭނެ ވަރަށް ރަށުގެ ތަރައްޤީގެ ކަންކަން ރާވައި ކުރިއަށް ގެންދެވޭ ގޮތަށް، އަދި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދެވޭވަރަށް ބަޖެޓު ދީގެން ކައުންސިލުތައް ބާރުވެރިކުރުވުން. މި ދެންނެވި މަގުން ކަންކަން ކުރިއަށް ގެންދިއުމަށް ޓަކައި، ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުމަށް ޓަކައި ކައުންސިލުތަކަށް ދިނުމަށް އަންނަ އަހަރުގެ މި އުއްމީދީ ބަޖެޓުގައި 6.1 ބިލިއަން ރުފިޔާ ހިމަނާފައިވޭ.ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް
ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ދައުލަތުގެ ދަރަނި ބަޖެޓަށް އިތުރުކުރި ފައިސާ އާއެކު ބޮޑުވެގެންދާ ކަމަށެވެ. އެހެންކަމުން ދައުލަތަށް އާމްދަނީ ހޯދާނެ ގޮތްތަކާ މެދު ވިސްނަންޖެހޭ ކަމަށާއި ދައުލަތުގެ ބަޖެޓު ބޮޑުވެގެން، ދަރަނި ބޮޑުވެގެން ގޮސް އެތައް ޖީލަކުން މިދަރަނި އަދާކުރާ ހިސާބަށް، ގޮސްގެން ނުވާނެކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ. މީގެއިތުރުން ބަޖެޓު ބޮޑުވެގެންދާއިރުގައި ކައުންސިލުތަކުގެ ބަޖެޓު ކުރީ އޮތް ވަރަށްވުރެ ވެސް މިހާރު ބޮޑުވެފައިވެފައިވާކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
މީގެއިތުރުން ބަޖެޓު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަމަށާއި އެކަމަށްޓަކައި ފިނޭންސް މިނިސްޓަރ އިތުރަށް މަސައްކަތް ކުރައްވަންޖެހޭ ކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.
މި ބަޖެޓް ތަންފީޒުކުރުމަށްޓަކައި ފިނޭންސް މިނިސްޓަރު އިތުރަށް މަސައްކަތްކުރައްވަން އެބަޖެހޭ. ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމާއި، ދަރަނީގެ ގޮތުގައި ދައުލަތަށް ހޯދަންޖެހިފައިވާ ފައިސާ ހޯދުމާއި، މި ކަންކަމަކީ މިދިޔަ އަހަރަށްވުރެ؛ މިއަހަރަށްވުރެ ބޮޑަށް މިއަންނަ އަހަރު ކުރަންޖެހިފައިވާ މަސައްކަތް. ހަމައެއާއެއްކޮށް ޕްލޭނިންގ މިނިސްޓަރާއި ހެލްތް މިނިސްޓަރު އިތުރު %20 މަސައްކަތްކޮށްގެން ނޫނިއްޔާ މި ބަޖެޓް 18 ތަންފީޒުވާ މަންޒަރެއް މި ޤައުމަކުން ފެނިގެންނެއް ނުދާނެ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން ބޭނުންވޭ މި ބަޖެޓުގެ %90 ހާސިލުވާން. ގިނަ ރަށްރަށެއްގައި ނަރުދަމާ އެޅެން އެބަޖެހޭ. ގިނަ ރަށްރަށެއްގައި މަގު ހެދެން އެބަޖެހޭ. ގިނަ ރަށްރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރެވިގެން ދާން އެބަޖެހޭ. މިކަންކަން ހާސިލުވާނީ ، އަޅުގަނޑު ކުރިން ދެންނެވިހެން ސަރުކާރުގެ މިނިސްޓްރީތަކުން އިތުރަށް މަސައްކަތްކުރެވިގެން. އެހެންނޫނިއްޔާ މި ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުނެރެވޭނެ.ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ
ތިމަރަފުށި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ އަބްދުﷲ ރިޔާޒު ވިދާޅުވީ މިބަޖެޓުން އެދާއިރާގެ ރައްޔިތުންނަށް އުންމީދު ތަކެއް ގެނެސްދޭ ކަމަށެވެ. ޚާއްސަކޮށް އެދާއިރާގެ ރަށްތަކަށް ޖަހާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ފުރިހަމަކުރެވިއްޖެނަމަ ގިނަ ކަންތައްތަކެއް ހާސިލުވެގެންދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި ބަޖެޓުގައި ޖަހާފައިވާ ކަންކަން ކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
އަޅުގަނޑު ވޭމަންޑޫ ގެ ރައްޔިތުންނާ ބައްދަލުކުރިން. ބަޖެޓާ ބެހޭ ގޮތުން އެ މީހުން އެންމެ ބޭނުންވާ ކަމަކީ ކޮބައިތޯ އެހިން. އެ މީހުންގެ އެންމެ މުހިންމު އެއް ކަމަކީ ތަޢުލީމު. އެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ އިންފްރާސްޓްރަކްޗަރ. ތިން ބުރީގެ އިމާރަތެއްގެ ވާހަކަ. އަޅުގަނޑު ފިނޭންސް މިނިސްޓަރަށް ސަރުކާރަށް ރައްޔިތުންގެ އަޑު ދެންނެވުމުން، މި ބަޖެޓުގައި އެބައި ހިމަނާފައި އޮތްކަން އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ފާހަގަކުރަން. މިއިން މި އެނގެނީ މި ބަޖެޓު ހަދާފައި މި ވަނީ ރައްޔިތުންގެ އަޑު އަހައިގެންކަން. ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން މީގެތެރޭގައި ހިމަނާފައިވާކަން އަޅުގަނޑު ހަމަ އިޚްލާޞްތެރިކަމާއެކު ގަބޫލުކުރާ ވާހަކަ ދަންނަވަންތިމަރަފުށި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ އަބްދުﷲ ރިޔާޒު
ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ވާހަކަަދައްކަވަމުން ބަޖެޓު ކޮމިޓީގައިވެސް އިންނަވާ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ ބަޖެޓަށް އިތުރުކުރި މިންވަރުގެ ސަބަބުން ޑެފިސިޓު ބޮޑުވެގެންދާ ކަމަށާއި އެކަމާއި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި މި ބަޖެޓު ތަންފީޒުކުރުމަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. އެހެންނަމަވެސް، ރާއްޖޭގެ ހާލަތާއި ރައްޔިތުންގެ ބޭނުންތަކާއި ރައްޔިތުންގެ އުއްމީދުތަކަށް ބަލާއިރު ރައްޔިތުންނާއި ރަށްރަށަށް ގެންނަންޖެހޭ ތަރައްޤީގެ މަޝްރޫޢުތައް ނުހިންގައި ފަރުޖެއްސޭކަށް ނެތްކަމަށް ޝަރީފް ވިދާޅުވި އެވެ.
އެކަން ކުރެވެންނެތީމާ މިއީ އެންމެ އެކަށީގެންވާ، އެންމެ ރަނގަޅު ބަޖެޓެއް ނޫން. ޑެފިސިޓު ކުޑައެއް ނޫން. ދަރަނި ބޮޑުވެއެއް ނޫން. ދެޓް އޯވަރހޭންގުގެ ބިރު އެބައޮތް އިއްޒަތްތެރި ރައީސް. އެހެންނަމަވެސް، ޤައުމެއްގަ އި އެކްސްޕެންޝަނަރީ ބަޖެޓެއް ފާސްކޮށްގެން އަޅުގަނޑުމެން ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައިގެން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ވަޢުދުވެގެން އުޅޭއިރު، މިކަން ކޮށްދިނުމަށް ޓަކައި ކުރަންހުރި މަސައްކަތް ކުރުން ލާޒިމުވާނެ. އުފެއްދުންތެރިކަން އިތުރުކުރަން އެބަޖެހޭ. ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނީ، އަޅައިނުލެވި އެތައް އަހަރުތަކެއް ވެފައި އޮތް އަތޮޅުތަކުގެ ތަރައްޤީއަށް އަދި އެ ތަންތަނުގެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި އިންފްރާސްޓްރަކްޗަރާއި ޕަބްލިކު ގުޑުސް އިތުރުކޮށްގެން، އެކަމަށް އިންވެސްޓުކޮށްގެންމަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ޝަރީފް
މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަލީ ރިޒާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ބަޖެޓުން ހާސިލްކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ފާއިތުވެގެން ދިޔަތާންގައި ބަޖެޓުގައި ޖަހާ ކަންކަން ބަޖެޓުން ގެއްލިގެން ދިޔަތަން ފެނިގެން ގޮސްފައިވާކަމަށާއި ނަމަވެސް ރައްޔިތުން މިހާރު ތިބީ މިބަޖެޓުން ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްވާނެ ކަމުގެ އުންމީދުގައި ކަމަށް އަލީ ރިޒާ ވިދާޅުވި އެވެ.
2020 ވަނަ އަހަރުގެ ބަޖެޓަކީ އެއީ ރައްޔިތުން އެދޭ، އުއްމީދީ ބަޖެޓެއްގެ ގޮތުގައި ވާން. އަދި މި ބަޖެޓްގައިވާ ކަންކަމަކީ އެއީ ، ރައްޔިތުންނަށް ސީދާ ހަމަލޮލުން ފެނި، ރައްޔިތުންނަށް އޭގެ ފޮނިމީރުކަން ލިބޭނެ ބަޖެޓަކަށް ވެގެންދާނެ ކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން، އަޅުގަނޑު އުއްމީދުކުރަނީ، ހަމަގައިމު ވެސް ކަނޑިތީމު ދާއިރާއާއި މި ރާއްޖޭގެ ރައްޔިތުންނަށް މި ބަޖެޓުން މި ލިބިފައިވާ އުއްމީދު، އެ ޙަޤީޤަތަކަށް ވެގެން ދާނެ. މި ސަރުކާރުން ވެސް އެކަން ކޮށްދޭނަން. އަދި، ހަމަގައިމު ވެސް ކަނޑިތީމު ދާއިރާގެ ކަންކަން ކުރުމަށްޓަކައި އަޅުގަނޑު މިހިރީ އެ ރައްޔިތުންނާ އެކު ގައި.މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަލީ ރިޒާ