Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 16:18
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ޖާބިރު
ޖާބިރު، ގާސިމަށް: އަންހެނުންގެ ހައްގުތައް ހަނިވާގޮތަށް ވާހަކަ ނުދެއްކުމަށް ގޮވާލަން!
ގާސިމް ވިދާޅުވަނީ ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކޮށްގެން 33 ޕަސެންޓް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް

އަންހެނުންގެ ހައްގުތަކާއި ގުޅޭކަންކަން ތަރައްގީކޮށް ކުރިއަރުވަން، ދިވެހި ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް ވާހަކަ ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމaށް ގޮވާލައްވައިފި އެވެ.

ޑީއާރުޕީގެ ލީޑަރު ޖާބިރު ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރެވޭ މެމްބަރުންގެ ތެރެއިން އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑި ހާއްސަ ކުރުމާއި އަދި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުން ކުރައްވާ މަސައްކަތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފާޑު ކިޔުއްވަމުންދާ ކަމަށެވެ.

އަންހެނުންގެ ހައްގުތައް ހޯއްދަވައި ދެއްވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ، އަންހެނުންގެ ހައްގުތައް ހަނިވާގޮތަށް ގާސިމް ދައްކަވަމުން ގެންދަވާ ވާހަކަތައް މިހިނދުން މިހިނދަށް ހުއްޓާލެއްވުމަށް ޑީއާރުޕީއާއި އަދި ޖާބިރުގެ އަމިއްލަ ނަމުގައި ވެސް ގޮވާލައްވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވަކި އަދަދެއްގެ ގޮނޑިތަކެއް އަންހެންނުންނަށް ހާއްސަކޮށް، އަދި އެހެން ދާއިރާތަކުގައި ވެސް އަންހެން ކަނބަލުންގެ ދައުރު ބޮޑުތަނުން އިތުރުވެގެން ދިއުމަކީ ޑީއާރުޕީންނާއި ހުދު ޖާބިރު ވެސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ.

Advertisement

ޖާބިރު ވިދާޅުވީ އަންހެން ކަނބަލުން ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ފުރިހަމައަށް ޑީއާރުޕީގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށެވެ.

ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކޮށްގެން 33 ޕަސަންޓުގެ ކޯޓާ ކަނޑައެޅުމާއި ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް ވަނީ ވާހަކަ ދައްކަވާފަ އެވެ. ގާސިމް ވިދާޅުވެފައިވަނީ އަންހެނުނަށް ވަކި ކޯޓާއެއް ކަނޑައެޅުމަކީ ޤާނޫނު އަސާސީއާއި ޚިލާފުކަމެއްކަމަށެވެ. އެގޮތަށް ގާސިމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގަ އެވެ.

ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމަށްވެސް އެބިލުގައި ހިމަނާފައި ވެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް