އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ފަށާގޮތަށް އާމްދަނީ ޓެކްސް ނެގުމާއި ގުޅޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބުދަ ދުވަހުގެ ޖަލްސާގައި މިބިލް ފާސްކޮށްފައިވަނީ މި ބިލްގެ ކޮމިޓީ ރިޕޯޓަށް ގެނައި އިސްލާހުތަކާއެކު މިބިލް ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓުންނެވެ. މިބިލް ފާސްކުރަން ނުފެންނަ ކަމަށް 3 މެމްބަރުން ވޯޓު ދެއްވި އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލް ފާސްކޮށްފައިވާއިރު މިބިލް ގައިވަނީ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. ނަމަވެސް އާމްދަނީން ޓެކްސް ނަގާނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންކަމަށް ވަނީ ފާސްކޮށްފަ އެވެ.
މިބިލްގައި ވާގޮތުން ފަރުދުންގެ އާމްދަނީގެ ޓެކްސް ނެގުމުގެ އެބިލްގައި ވާގޮތުން، މަހަކު 60،000ރ މަތީގެ އާމްދަނީއެއް ލިބޭ ކޮންމެ ފަރުދެއްގެ އަތުންވެސް ޓެކްސް ނެގޭނެ އެވެ. އެބިލްގައި ކުރިން އޮތީ، 40،000ރ އިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުން ކަމަށްވިޔަސް ފަހުން އެ އަދަދު ވަނީ 60،000ރ އަށް މަތިކޮށްފަ އެވެ. އަދި ޓެކްސް ނެގޭ ޕަސެންޓޭޖްތައް މަތިކޮށް، ގިންތިތަކަށް ބަދަލުތަކެއް ވެސް ވަނީ ގެނެސްފަ އެވެ.
ފަރުދުންގެ އާމްދަނީން ޓެކްސް ނަގާ ބްރެކެޓްތައް:
- 60،000ރ އިން ދަށުގެ އާމްދަނީ އިން- 0 ޕަސެންޓް.
- 60،000ރ އާއި 100،000ރ އާދެމެދުގެ އާމްދަނީ އިން- 5.5 ޕަސެންޓު.
- 100،000ރ އާއި 150،000ރ އާދެމެދުގެ އާމްދަނީ އިން- 8 ޕަސެންޓު.
- 150،000ރ އާއި 200،000ރ އާދެމެދު އާމްދަނީ އިން- 12 ޕަސެންޓު.
- 200،000ރ އިން މަތީގެ އާމްދަނީ އިން- 15 ޕަސެންޓް.
އާމްދަނީން ޓެކްސް ނެގުމަށްޓަކައި 10 ވައްތަރެއްގެ އާމްދަނީ އެއް ބިލްގައި ވަނީ ހިމަނާފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިހާރު ފާސްކުރުމުގެ މަރުހަލާގައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، އިންކަމް ޓެކުހުން 600 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައި ވެއެވެ. ނަމަވެސް، ޓެކްސް ނެގޭ އާމްދަނީގެ އަދަދު މަތިކުރަން ނިންމުމާއިއެކު، މި އަދަދަށް ބަދަލެއް އަންނާނެއެވެ. އެގޮތުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މި އަދަދު މަތިކުރުމުން، ޓެކްސް ނެގޭ އާބާދީގެ ގިނަ ބަޔަކު އިސްތިސްނާ ވެގެން ދާނެ ކަމަށާއި، މީގެ ސަބަބުން އަންދާޒާކުރި އަދަދަށް ވުރެ ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ދާނެ ކަމަށެވެ.
އިންކަމް ޓެކްސަކީ ނުވަތަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ މިބިލުގެ މައިގަނޑު ބޭނުމަކީ، މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމެވެ. އިންކަމް ޓެކްސް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.