Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 13:53
ހުކުރު މިސްކިތުގެ އބާތުރަ ފިލުވުމުގެ މަސައްކަތް ރައީސް ސޯލިހު ފައްޓަވައިދެއްވަނީ
ހުކުރު މިސްކިތުގެ އބާތުރަ ފިލުވުމުގެ މަސައްކަތް ރައީސް ސޯލިހު ފައްޓަވައިދެއްވަނީ
ސްޓެލްކޯ
ހުކުރު މިސްކިތު މުންނާރު
މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ރައީސް ސޯލިހު ފައްޓަވައިދެއްވައިފި
އަބާތުރަ ފިލުވުމަށް ހަވާލުކޮށްފައިވަނީ ސްޓެލްކޯއާއި
ރައީސް ސޯލިހު ވަނީ އެ މަސައްކަތް ބުދަ ދުވަހުގެ ހެނދުނު ބައްލަވާފައި
ހެރިތޭޖް މިނިސްޓްރީން ދަނީ ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ހުކުރު މިސްކިތް ހިމެނުމަށް މަސައްކަތްކުރަމުން

ދިވެހިރާއްޖޭގެ އެންމެ އާސާރީ އަދި ތާރީޚީ ބިނާ، މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމާއި ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހިމެނޭ 4 ވަޅެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު އެ ސަރަހައްދަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ހެރިޓޭޖް މިނިސްޓްރީއާއި ސްޓެލްކޯ ގުޅިގެން ކުރިޔަށް ދާ މަސައްކަތް ފައްޓަވައިދެއްވައި، އެ މަސައްކަތް ކުރިޔަށް ދާގޮތް ބައްލަވައިލައްވާފައެވެ.

Advertisement

މަސައްކަތް ފެއްޓެވުމަށްފަހު، ހެރިޓޭޖް މިނިސްޓްރ ޔުމްނާ މައުމޫން، މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އިންޑިއާ ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދާކަމަށާއި ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ. ހުކުރު މިސްކިތުގެ މުންނާރަކީ ހިރިގަލާއި އުވައިން ތައްޔާރުކޮށްފައިވާ ތަނެއްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މުންނާރު ހަޑިވަމުން ދަނީ ވިއްސާރަވުމުން އޭގެ ތެރެ ތެތްވެ ފެހި ޖަހަމުންދާތީކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު މުންނާރު އެހާ ބޮޑަށް ހަޑިވެފައި އެހުރީ ވިއްސާރަ މޫސުމުގައި ވަރަށް ބޮޑަށް ވާރޭވެހި ހިކެން ވަގުތު ނުލިބުމުންކަމަށެވެ. އަދި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރީންސުރެ ރާވާފައިވާކަން ފާހަގަކޮށް މިނިސްޓަރ ވަނީ މަސައްކަތް ފެށިފައިނުވަނީ އެއްވެސް ވަރަކަށް މޫސުން ތަން ނުދޭތީކަމަށް ވިދާޅުވެފައެވެ.

ވިއްސާރަ ވީމައި ވަރަށް ފަސޭހައިން އޭގެ ތެރެއަށް ތެތްކަން ހިފެހެއްޓުނީމައި ފެހި ޖަހާ ގޮތްވާތީ އެހާ ފަސޭހައިން އެ ހަޑިވަނީ ބޭރަށް ކަޅުވެފައި ހުންނަތަން އެ ފެންނަނީ. ފެން ދައުރު ވާގޮތަކަށް ނޫން މިހާރު އެނގިވަޑައިގަންނަވާނެ މަގުތަށް ހެދިފައި ބިމަށްވެސް ފެންފައިބައިގެން ދާގޮތަކަށް ނޫން މުންނާރު ވަށައިގެން ދާގޮތަކަށް ނޫން އެހުރީކީއެއް. ފެން ހިކެން ވަގުތު ނުލިބެނީ ހަގީގަތުގައި.
ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭނެކަމަށާއި ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ތައްޔާރުކުރަންޖެހޭ ހުރިހާ ޑޮކިއުމެންޓެއް ތައްޔާރުކޮށް އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މާލޭ ހުކުރު މިސްކިތު މުންނާރަކީ ތިން ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކައެއް ކަމުން، އެ މަރުކަޒުން މަސައްކަތް ކުރަމުން ދަނީ މުންނާރު ރައްކާތެރިކޮށް، ޒަމާންތަކަށް ދެމިގެން ދާނޭހެން އެތަން ބެލެހެއްޓުމަށް ކަމަށް އެމަރުކަޒުން މީގެކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަލާފައިވާ ބިނާއެއްކަމުން، އެ ތަން މިހާރުވެސް އާބާތުރަ ފިލުވައި، ބަލަހައްޓަމުން ގެންދަނީ ކޮންޒަވޭޝަންގެ ހަމަތަކާ އެއްގޮތަށް ކަމަށްވެސް މަރުކަޒުން ވަނީ ބުނެފައެވެ.

މީގެއިތުރުން ހުކުރު މިސްކިތުގެ މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލައާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެއް ކަމަށާއި، މުންނާރަކީ ހިރިގަލާ އުވައިން ހަދާފައިވާ ތަނަކަށް ވާތީ، މުންނާރަށް ރައްކާތެރިކަން ލިބޭނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް