Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 13:27
މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު
މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު
ރައީސް އޮފީސް
މަރު ކޮމިޝަން
ރިލްވާން މައްސަލައިގެ ފައިނަލް ރިޕޯޓް ހާމަނުކުރެވިގެން އުޅެނީ ފޮރިންސިކް އެނަލައިސިސް ރިޕޯޓު ނުލިބޭތީ: ސުއޫދު
ފައިނަލް ރިޕޯޓު ހާމަނުކުރެވިގެން އުޅެނީ، ފޮރިންސިކް އެނަލައިސިސް ރިޕޯޓް ނުލިބޭތީ
މައްސަލައިގެ ޝާމިލްވާ ހުރިހާ ފަރާތެއްގެ މައުލޫމާތެއް ފައިނަލް ރިޕޯޓުގައި ހިމެނޭނެ
މިހާތަނަށް މި މައްސަލައިގައި ދައުވާކުރަން ހުށަހަޅާފައިވަނީ އެންމެ މީހެއްގެ މައްޗަށް

އަނިޔާވެރިކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ ފައިނަލް ރިޕޯޓު ނިމިފައިވާކަމަށާއި ހާމަނުކުރެވިގެން އުޅެނީ ފޮރިންސިކް އެނަލައިސިސް ރިޕޯޓު ނުނިމިގެންކަމަށް ގެއްލުވާލާފައިވާ މީހުންނާއި, މަރާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން، ސުއޫދު ވިދާޅުވީ މަރު ކޮމިޝަނުން ރިލްވާންގެ މައްސަލައިގެ ފައިނަލް ރިޕޯޓު އެކުލަވާލައިފައިވާކަމަށާއި ވަރަށް އަވަހަށް ފައިނަލް ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާނެކަމަށެވެ.

ގެއްލުވާލައިފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މަރުތަކުގެ ހަގީގަތް ހާމަކޮށް އެކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކަށްވާއިރު، ރިޔާސީ ކޮމިޝަނުން މިހާތަނަށް ހުށަހަޅާފައިވަނީ 2 ޑްރާފްޓް ރިޕޯޓުކަމަށާއި، ދެ ރިޕޯޓުގައި ވެސް ފުށުއެރުންތެރިކަން އެބަހުރިކަމަށް ރައީސް ސޯލިހު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 8 ސެޕްޓެމްބަރުގައި ކަމާބެހޭ ހުރިހާ ވުޒާރާތަކާއެކުގައި ބޭއްވި ބައްދަލުވުމުގައި މިހާރަށް އެޅޭނެ ފިޔަވަޅަކީ ކޮބައިތޯ ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް ހުރިހާ މުއައްސަސާތައް ގުޅިގެން ވީހާވެސް އަވަހަކަށް އެޅުމަށް އެއްބަސްވެވުނުކަމަށާއި ދެ ޑްރާފްޓް ލިބިފައިއޮތް އިރުގައި ފުރަތަމަ ޑްރާފްޓާއި ދެވަނަ ޑްރާފްޓްގައި ތަހުގީގުކުރަމުންދާ ކަމަކަށް ވާތީ އަންނަންޖެހޭ ބަދަލުތަކެއް އެބަހުރިކަމަށާއި ވީހާވެސް އަވަހަށް ފައިނަލް ޑްރާފްޓެއް އެރުވުމަށް އެދިފައިވާނެކަމަށް ރައީސް ސޯލިހު ވަނީ އެދުވަހު ވިދާޅުވެފައެވެ.

އޭގެފަހުން ތިން މަސްވެފައިވާއިރު، މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، މިހާތަނަށް ރައީސް ސޯލިހަށް ހުށަހެޅިފައިވަނީ އެންމެ 2 ޑްރާފްޓް ރިޕޯޓުކަމަށާއި ފައިނަލް ރިޕޯޓެއް އަދިވެސް މަރުގެ ކޮމިޝަނުން ރައީސް ސޯލިހަށް އަރުވާފައިނުވާކަމަށްް ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާއި ގުޅިގެން މަރުގެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިޕޯޓު ހާމަނުކުރެވިގެން އުޅެނީ ފޮރިންސިކް އެނަލައިސިސް ރިޕޯޓު ނުލިބޭތީކަމަށާއި އެކަމަކީ ޓެކްނިކަލް ބޭފުޅުން ކުރައްވާ މަސައްކަތެއްކަމަށެވެ. މީގެކުރިންވެސް ސުއޫދު ވަނީ ބައެއް މުއައްސަސާތަކުން ތަހުގީގަށް އެއްބާރުލުން ދިނުމުގައާއި މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރިކަމަށް މީޑިއާތަކަށް ހާމަކުރައްވާފައެވެ.

Advertisement

1 ސެޕްޓެމްބަރުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ސުއޫދު ވަނީ ރާއްޖެއަށް ހަރުކަށި ވިސްނުން ފެތުރުމަށް މަސަތްކަތްކުރާ ތަންތަނާއި އެފަދަ މީހުން އެކަންތައް ކުރާ ގޮތުގެ ތަފްސީލް ހިއްސާކޮށްފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި, ޔާމީން ރަޝީދުގެ މަރުގެ އިތުރުން ޑރ އަފްރާޝީމްގެ މަރުގެ ތުހުމަތު ކުރެވެނީވެސް ހަރުކަށި ވިސްނުމުގެ ޖަމާއަތަށް ކަމަށް ސުއޫދު ވިދާޅުވިއެވެ. ދީނަށް ފުރައްސާރަކޮށް ސުންނަތާ ދެކޮޅު ހަދައި، އެއް ޖިންސުން ގުޅުން ހިންގާ މީހުންނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅާ ނަމަ ފިޔަވަޅު އެޅުމަކީ އެ މީހުންގެ މައްޗަށް އޮތް އައިނިއްޔަ ފަރުޟެއް ކަމަށާއި އެފަދަ މީހުންނަށް އޮތީ މެރުން ކަމަށް އެ ޖަމާއަތުން ދެކެއެވެ.

ސުއޫދު ވިދާޅުވީ ހަނގުރާމައަށް މީހުން ފޮނުވަން މަސައްކަތްކުރަނީ 8 މީހުންގެ މައްޗަށް އެކުލެވޭ "ސެލްތަކެއް" ކަމަށާއި ހުރިހާ ސެލްތަކެއްގެ މައްޗަށް އޮންނަނީ ބޮޑު ޖަމާއަތެއް ކަމަށެވެ. އަދި ސުއޫދު ވަނި މިފަދަ އަމަލުތަކަށް ފައިނޭންސް ކުރާ ވިޔަފާރިތަކާއި ފިހާރަތަށް ހިމެނޭކަމަށްވެސް ވިދާޅުވެފައެވެ.

މި މައުލޫތުތައް ހިއްސާކޮށްފައިވާއިރު، މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރާއްޖެއެމްވީއަށް ހިއްސާކުރައްވަމުން ބުދަ ދުވަހު ސުއޫދު ވިދާޅުވީ، ފައިނަލް ރިޕޯޓުން އެ ވިޔަފާރިތަކުގެ މައުލޫމާތާއި އެ މައްސަލައިގެ ޝާމިލްވާ ހުރިހާާ ފަރާތްތަކާއި ތުހުމަތު ކުރެވިފައިވާ ހުރިހާ މައުލޫމާތެއް އެނގިގެންދާނެކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވެސް ވަނީ މި މައްސަލަޔާއި ގުޅިގެން އެއްވެސް ބަޔަކު ހައްޔަރުކުރަން ޖެހޭނަމަ، އަދި ތަހުގީގަށް ހާޒިރުކުރަން ޖެހޭނަމަ އެކަން ކުރާނެކަމަށާއި ހައްޔަރުކުރަންޖެހޭ މީހެއް ހައްޔަރުކުރުމަށް ފަސްނުޖެހޭނެކަމަށް މީގެކުރިން ވިދާޅުވެފައެވެ.

ރިލްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. މަރުތައް ބެލި ކޮމިޝަނުން ނެރުނު ރިޕޯޓާއި ގުޅިގެން ތުހުމަތު ކުރެވޭ 15 ފަރާތެއްގެ ޕާސްޕޯޓް މިހާތަނަށް ވަނީ ހިފަހައްޓާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް