ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ 64 މެމްބަރުންގެ ވޯޓާއި އެކުއެވެ. ދެ މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ޖޭއެސްސީގެ އެރިޕޯޓް ރައްޔިތުންގެ މަޖިލީހަށް އިއްވާ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ 27 ނޮމެމްބަރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އަދި ކޮމެޓީއިން ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ނިންމާފައިވަނީ، ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. ފަނޑިޔާރު ޣަނީ ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ނެވެ.
ފަނޑިޔާރު ޣަނީ މަޤާމުން ވަކި ކުރަން ނިންމައި ޖޭއެސްސީން ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ޣަނީ ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު ޖޭއެސްސީން އަންނަނީ ފަނޑިޔާރު ޣަނީގެ ސުލޫކީ ތިން މައްސަލަ އެއް ބަލަމުންނެވެ.
ފަނޑިޔާރު ޣަނީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި އެކު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބަދަލުވީއެވެ. މީގެކުރިން ރައްޔިތުންގެ މަޖިލީހުން ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކޮށްފައެވެ. މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު ޢަބްދުﷲ ދީދީ ވެސް ވަނީ މަޤާމުން ވަކިކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ފަނޑިޔާރު ޢަބްދުﷲ އަރީފް ވަނީ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ޙަވާލުކޮށްފައިވަނީ ޑރ. އަޒްމިރަލްދާ ޒާހިރަށެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކޯޓަށް ޢައްޔަނުކުރުމަށް ފާސްކުރި ތިން ފަނޑިޔާރުންނެވެ. އެއީ ޑރ އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަން ޖެހެއެވެ.