Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 11:47
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
މަޖިލިސް
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު
މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ކަންކަން ވިލަރެސް ކުރާ ކޮމެޓީ 14 އިން 8 އަކަށް
ތިން އަހަރުގައި ވެސް މި ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިފައިއެއް ނުވޭ
ކޯރަމް ހަމައެއް ނުވޭ
ބިލް ހުށަހެޅުމުގެ މަގްސަދަކީ ކޮމެޓީގެ ހިންގުން ހަރުދަނާ ކުރުން ކަމަށް މެމްބަރު ވިދާޅުވި

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ކަންކަން ވިލަރެސް ކުރާ ކޮމެޓީގެ މެމްބަރުންގެ އަދަދު 14 އިން 8 އަކަށް ބަދަލުކުރާ ގޮތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.

Advertisement

މެމްބަރު ހުށަހެޅުއްވި އިސްލާހުގައި ކޮމެޓީ އެކުލެވިގެންވާންޖެހެނީ 8 މެމްބަރުންގެ މައްޗަށެވެ.

ކޮމެޓީ އެކުލެވިގެންވާގޮތް:

  1. ހިއުމަން ޓްރެފިކިންގ ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމުގެ ޒިންމާ ހަވާލުވެފައިވާ މިނިސްޓްރީއިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފު
  2. އެޓާރނީ ޖެނެރަލް އޮފީހުން ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
  3. ކޮންޓްރޯލަރ ކަނޑައަޅާ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މުވައްޒަފެއް
  4. މޯލްޑިވްސް ޕޮލިސް ސަރވިސެސް އިން ކަނޑައަޅާ އެ ސަރވިސްގެ އޮފިސަރު
  5. ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒަފު
  6. މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފު
  7. މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއަކުން ހުށަހަޅާ އެ ޖަމިއްޔާގެ މެމްބަރު
  8. ސޯޝަލް ސަރވިސަސް އިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފަކު

މެމްބަރު ހުށަހެޅުއްވި އިސްލާހަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް އިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފަކު މި ލިސްޓަށް އިތުރު ކުރުމެވެ. ސަބަބަކަށް މެމްބަރު ވިދާޅުވީ ޓްރެފިކް ކުރެވޭ ގިނަ މީހުންނަކީ އަންހެނުން ކަމަށާއި ޚާއްސަގޮތެއްގައި 'ޑޮމެސްޓިކް' މަސައްކަތަށް ގެންނަ އަންހެނުން އޭގެ ތެރޭގައި ހިމެނޭތީ ކަމަށެވެ. އަދި މީގެތެރޭގައި ކުޑަކުދިންވެސް ޓްރެފިކް ކުރެވޭ ކަމަށް ޝައްކު އުފެދިފައިވާތީ އެ މައްސަލަތައް ބަލަމުންގެންދާއިރު އެ ކަންކަން ވިލަރެސް ކުރުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސެސްގެ ދައުރެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އިސްލާހު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ފާއިތުވި ތިން އަހަރުގައި ވެސް މި ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިފައިނުވާ ކަމަށެވެ. އަދި ކޮމެޓީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި ކޮންމެހެން ލަފާ އަރުވާ ފަރާތްތަކާއި މަސްލަހަތު ފުށުއަރާ މުއައްސަސާތައް އެ ކޮމެޓީގައި ހިމެނުމުން ކޮމެޓީގެ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ކޮމެޓީގެ ބައްދަލުވުންތައް ބޭއްވިފައިނުވާ ކަމަށެވެ. މި ބިލު ހުށަހެޅުމުގެ މަގްސަދަކީ އެ ކޮމެޓީގެ ހިންގުން ހަރުދަނާ ކުރުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް