އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ގެ ކަންކަން ނިންމުމަށް މާދަމާ ޖަލްސާ ބޭއްވުމަށް ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދައުރުގެ ޖަލްސާތައް އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ދިގުދައްމާލުމަށް ފާސްކޮށްފައިވާއިރު ބުދަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ޖަލްސާ ބާއްވަވާނެ ކަމަށެވެ. ހޮނިހިރު ދުވަހުގެ ޖަލްސާގައި ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަނުކުރައްވާ ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ބުދަ ދުވަހުގެ ޖަލްސާގައި އާމްދަނީން ޓެކްސް ނެގުމުގެ ބިލްގެ މަސައްކަތް އެއްކޮށް ނިންމަވާލައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށްފަހު ދެން ޖަލްސާތައް ފެށޭނީ އަންނަ އަހަރު އެވެ.