އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށާއި އެއީ އަވަސްކުރަން ޖެހޭ ކަމެއް ކަމަށް ބުނެ މަސައްކަތްތެރީން، އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފިއެވެ.
މި ކަންބޮޑުވުންތައް އެ ފަރާތްތަކުން ހިއްސާކޮށްފައިވަނީ މިނިމަމްވޭޖް ކަނޑައެޅުމުގެ ބިލު ޑްރާފްޓު ކުރުމަށް އެކުލަވާލި ސަބްކޮމެޓީގެ ބައްދަލުވުމުގައެވެ. އަންގާރަ ދުވަހު ބޭއްވި މި ބައްދަލުވުމަށް ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)، ޓީޗަރޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް އޮފް މޯލްޑިވްސް ގެ އިތުރުން މޯލްޑިވްސް ޕޯޓްސް ވޯރކަރސް ޔޫނިއަންގެ ބޭފުޅުން ވަނީ މިނިމަމް ވޭޖާއި ގުޅިގެން އެބޭފުޅުންގެ ކަންބޮޑުވުންތައް ފާޅު ކުރައްވާފައެވެ.
އެބޭފުޅުން ކޮމެޓީގައި މައިގަނޑުގޮތެއްގައި ފާހަގަކުރެއްވީ ތިން ކަމެކެވެ. އެގޮތުން ސެކްޓޯރިއަލް ވޭޖް، މިނިމަމް ވޭޖް ބޯޑު އަދި މިނިމަމްވޭޖްގެ ގޮތުގައި ވަކި ޢަދަދެއް ޤާނޫނުގައި ބަޔާން ނުކުރުމާއި މެދު އެބޭފުޅުންގެ ޚިޔާލު ޙިއްސާކޮށްފައިވެއެވެ.
ސެކްޓޯރިއަލް މިނިމަމް ވޭޖް ކަނޑައެޅުން
ކޮމެޓީގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ވަރަށް ބޮޑަށް ސެކްޓޯރިއަލް މިނިމަމް ވޭޖެއް ކަނޑައެޅުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެެވެ. އަދި ކަނޑައަޅާއިރު އިންޓަރނޭޝަނަލް ލޭބަރ އޯރގަނައިޒޭޝަން (އައިއެލްއޯގެ) އުޞޫލުތަކާއި ރިކޮމެންޑޭޝަންތަކާއި އެއްގޮތަށް ކަނޑައެޅުމަށް އެބޭފުޅުން އެދިލެއްވިއެވެ. އަދި ސެކްޓަރތައް މަދު ކުރުމުގެ މުހިއްމުކަން ފާހަގަކުރުމަށް ހުރިހާ ބޭފުޅުންވެސް ވަނީ އިއްތިފާޤުވެފައެވެ. މަދުކުރުމަށް ހުރިހާ ބޭފުޅުންވެސް އެއްބަސްވަނީ ސެކްޓަރތައް މާގިނަ ވެއްޖެ ނަމަ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް މައްސަލަތަކެއް ކުރިމަތިވެފައިވާތީއެވެ. އެގޮތުން މިނިމަމް ވޭޖް ދިނުން ތަންފީޒު ކުރުމުގައި ދޭދޭ ސެކްޓަރ ތަކުގައި ތަފާތު ކުރުންތައް އިތުރުވެދާނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އަދި ދިރާސާތަކަށް ބަލާލާއިރުވެސް ސެކްޓަރތައް ގިނަ ކުރުމަކީ އެހާ ރަނގަޅުކަމެއްގެ ގޮތުގައި ސިފަނުކުރެވޭ ކަމަށް ބުނެފައިވެއެވެ.
މިނިމަމް ވޭޖް ބޯޑު ހަރުދަނާ ކުރަން ޖެހޭ!
މިނިމަމް ވޭޖް ބޯޑަކީ މުސްތަޤިއްލު ބޯޑަކަށް ވާންޖެހޭ ކަމަށް ހުރިހާ ބޭފުޅުންވެސް އިއްތިފާޤުވެއެވެ. އެގޮތުން ޤައުމުގެ ޙާލަތު އޮންނަ ގޮތަކަށް ރިޢާޔަތްކޮށް ބޯޑަށް މިނިމަމް ވޭޖުގެ ޢަދަދަށް ބަދަލު ގެނައުމުގެ ބާރު އޮންނަން ޖެހޭ ކަމަށް ހުރިހާ ފަރާތަކުންވެސް ފާހަގަކޮށްފައިވެއެވެ. އަދި މިނިމަމް ވޭޖް ކަނޑައަޅަނީ ދިރިއުޅުމުގެ ޙާލަތާއި އިޤްތިޞާދު އޮތް ޙާލަތަށް ބަލައިގެން ކަމަށް ވާއިރު، އެ ޙާލަތު ދެނެގަތުމަށް ދިރާސާކޮށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ބާރު ލިބެން ޖެހޭ ކަމަށް އެބޭފުޅުން ބުނެފައިވެއެވެ.
ގާނޫނުގައި ވަކި އަދަދެއް ނުޖެހުން
ޤާނޫނެއްގައި ވަކި ޢަދަދެއް ޖަހައިގެން ކަނޑައަޅައިފި ނަމަ އެވަގުތެއްގެ ސަރުކާރެއް ބަދަލުވާގޮތަކުން ނުވަތަ އިޤްތިޞާދަށް އަންނަ ބަދަލަކުން ފަހަރުގައި އެ ޤާނޫނު ބަދަލު ނުކުރެވިދާނެ ކަމަށް ހުރިހާ ފަރާތަކުން ކޮމެޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މިނިމަމް ވޭޖަށް ބަދަލު ނުގެނެވިއްޖެ ނަމަ، އިޤްތިޞާދު ފުނޑިގެންގޮސްދާނެ ކަމަށް ވެސް ފާހަގަކޮށް އެބޭފުޅުން ވަނީ އެއީ ދާއިމަށް ކަނޑައެޅޭ އެއްޗެއް ނޫން ކަމަށް ބުނެފައެވެ. އަދި ރާއްޖޭގައި މިނިމަމް ވޭޖް އަލަށް ކަނޑައަޅާއިރު ޙާލަތަށް ރިޢާޔަތްކޮށް ބަދަލު ކުރެވޭ ގޮތަށް އޮންނަން ޖެހޭ ކަމަށް އިއްތިފާޤުވެފައިވެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެއްގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެޖެންޑާ 19 ގެ ވައުދު ތަކުގެ ތެރެއިން ވައުދެކެވެ.