ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް ޙަޤީޤީ މާނައިގައި އިޚުލާސްތެރިކަމާއެކު ކަންތައްތައް ކޮށްދޭން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، އަންގާރަ ދުވަހު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި "ރިވެލި މައުރަޒު 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި، ސަރުކާރުގެ ޢަމާޒު ހުރީ، ޚާއްޞަ އަޅާލުމާއި ޚާއްސަ ލޯތްބާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި ކަންތައްތަކެއް ކޮށްދިނުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. ނައިބު ރައީސް ފައިސަލް ވިދާޅުވީ އަބަދުވެސް ސަރުކާރުތަކުން ކަންތައްތަކެއް ކޮށްދެމުން އަންނަކަމަށާއި އެހެންނަމަވެސް އަދިވެސް މިރޮނގުން ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
އެގޮތުން މުޖުތަމަޢުގެ ތެރޭގައި އުޅޭ މިފަދަ ފަރާތްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މިހާރު ތިބި ހިސާބު އެނގިގެން ނޫނީ، އިތުރަށް ކުރިޔަށްދެވެން ނެތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ޢަމާޒަކީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއި ހިތްހަމަޖެހުމާއެކު އެކުދިން ގޮވައިގެން އުޅެވޭނެ ގޮތް ހަމަޖައްސައިދީ އެކުދިންނަށް ބޭނުންވާ އިތުރު ފަރުވާއާއި ހުނަރު ހޯދޭނެ ގޮތަށް ކަންތައްތައް ބައްޓަން ކުރުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ޚިދުމަތްތައް ދޭ ތަންތަނަށާއި މިސްކިތްތަކަށާއި ފެރީތަކަށް، ފަސޭހަކަމާއެކު ވާސިލުވެވޭނެ ގޮތްތައް މަގުފަހިކޮށްދޭން ޖެހޭ. އެއްވެސް ކަމަކުން ބާކީނުކޮށް އަޅުގަނޑުމެންގެ މުޅި ނިޒާމު ބައްޓަންކުރުން އެއީ މިއަދު އަޅުގަނޑުމެންގެ މިސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެވެސް އެންމެ ބޮޑު ވައުދަކަށް ވެގެންދަނީ.ފައިސް- ނައިބް ރައީސް
ނައިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކީ ތަފާތު ކުރުމެއްނެތި މުޖުތަމަޢުގެ ތެރޭގައި އެންމެންނަށް ބައިވެރިވެވޭނެ ގޮތްތައް ހޯދުން ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މުޖުތަމަޢުގެ ތެރޭގައި ޝާމިލުވެ އުޅެވޭނެ ފުރުޞަތު ހޯދައިދޭން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގައި ސަރުކާރާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމްޢިއްޔާތަކުގެ ދައުރު އިތުރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ނައިބު ރައީސް ފައިސަލް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި އަމިއްލަ އެދުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާ ފަރާތްތަކެއް ތިބިކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އެގޮތުން ޑިސްއެބިލިޓީ އޮނަރަރީ އެމްބެސެޑަރެއްގެ ގޮތުގައި މިއަދު ހަމަޖެހިގެންދިޔަ އަޙްމަދު ހިޝާނުގެ މަސައްކަތުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލައްވާފައިވެއެވެ.
ރިވެލި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލުމުގެ މަޤުޞަދުގައި ޖެންޑަރ މިނިސްޓްރީން އިންތިޒާމުކޮށްގެން މާލޭގައި ކުރިޔަށްގެންދާ މައުރަޒެކެވެ. އަންގާރަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މައުރަޒު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި މައުރަޒުން ފާހަގަކޮށްލެވުނު ބައެއް ތަކެތި ބައިވެރިކުރި ފަރާތްތަކަށް އިނާމު ދީފައިވެއެވެ.