ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަނޑިޔާރު ހައިލަމް މަގާމުން އިސްތިއުފާ ދެއްވި ސިޓީ ޖޭއެސްސީއަށް ލިބިފައިވާކަން އެ ކޮމިޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މި ސިޓީ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ. ޖޭއެސްސީއަށް ހައިލަމް ފޮނުއްވެވި ސިޓީގައި ވަނީ، ޖޭއެސްސީގެ ނިންމުމަކީ އޭނާގެ ވާހަކަތަކަށް ރިއާޔަތް ކުރުމެއް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިހާރު ޖޭއެސްސީން މަސައްކަތް ކުރަނީ ފަނޑިޔާރުގެ ވަކި މިސްރާބަކަށް ގެންދިޔުމަށް ކަން ބަޔާންކުރައްވާފައެވެ.
ޖޭއެސްސީން ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ، ނަސްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ މުވައްޒަފުން އުޅޭ ނުރަސްމީ ވައިބަރ ގްރޫޕެއްގައި ހިއްސާކުރެއްވި ކުރެހުމަކާއި ގުޅިގެންނެވެ. އެ ކުރެހުމުން ފެނިގެންދަނީ ޝަހީދު ހުސައިން އާދަމް އަށް މީހަކު ޗޭނެއްގައި ޖަހައިގެން ހިނގަވާފައިދާ މަންޒަރެވެ. މި ކުރެހުމުގައި އެ ހަމަލާގެ މޭސްތިރި ހ. ހާޖަރާގެ ލުތުފީ އާއި އެ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ބައެއް އިތުރު ދިވެހިން ފެންނައިރު، އެ ސަފުގެ ފަހަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނަވައެވެ.
މި މައްސަލައާއި ގުޅިގެން ޖޭއެސްސީން ހައިލަމް ސަސްޕެންޑްކޮށްފައިވަނީ، ނޮވެމްބަރު މަހުގެ 5 ގައެވެ. ކަން ދިމާކުރި ގޮތުން އެއީ މިހާރު ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ހުކުމް އިއްވަން ފުރަތަމަ ކަނޑައެޅި ދުވަހެވެ. ގާޒީ ހައިލަމް ސަސްޕެންޑްކުރީ، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅުން ތުހުމަތު ކުރަނީވެސް، މި ސަބަބާއި ހެދިއެވެ.