މީގެ އަހަރުތަކެއް ކުރިއެވެ. އޭރު ޤާނޫނު މަތިން ހަނދާނެއް ނުނެތެއެވެ. އެދުވަހު ރައްޔިތުންގެ މަޖިލީހުގައި ހުންނަވާ އެންމެ ހަރުއަޑުން ގޮވިއެވެ. މަޖިލީހުގެ މެޖޯރިޓީއާ އާރާބާރު އެދުވަހު އޮތުމާއެކު ޢާންމު ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއް ނެތި ޤާނޫނު އަސާސީއާ ކުޅެމުންދިޔައީ ހިތަށް އެރި ގޮތަކަށެވެ.
ވަކި ބައެއްގެ މަޞްލަޙަތު އިސްކޮށް ފައިދާ ލިބޭ ގޮތަށޭ ބުނި ނަމަވެސް ދޮގަކަށްނުވާނެއެވެ. މިހެން ބުނެވޭނެ ސަބަބުތައް ބައިވަރެއެވެ. އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އެސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ހަނިކުރިއެވެ.
17 އޮގަސްޓު 2016 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ޤާނޫނު ހަނިކުރުމަށްފަހު ބިލު ފާސް ކުރީ އޭރުގެ ސަރުކާރުގައި ތިއްބެވި 37 މެންބަރުންގެ ތާއީދާއެކު އެވެ. ބިލާ ދެކޮޅަށް 26 މެންބަރުން ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ. ކުރީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު އިޞްލާޙު ހުށަހެޅުއްވި މިބިލު ފާސްކުރީ އޭރުގެ ރައްޔިތުން ކުރި އާދޭހާ އިދިކޮޅު މެމްބަރުންގެ އަޑު އެހުމެއްނެތިއެވެ. ބިލު ތަޞްދީޤު ކުރިފަހުން ތިން އަހަރުވީއެވެ. ޙާލަތު ބަދަލުވުމާއެކު އޭރުގެ ސަރުކާރުގައި ގަދަބަސް ބުނަމުން ދިޔަ ބޭބޭފުޅުން މިއަދު އެޤާނޫނު މަތިން ހަނދާނެއް ނެތެއެވެ. ޙައްޤުތައް ނިގުޅައިގަނެފި ކަމަށް ބުނެ މިއަދުގެ ސަރުކާރަށް ފާޑު ކިޔަމުން ދަނީ އިންތިހާއަށްށެވެ.
ނޮވެންބަރު 30 ވަނަ ދުވަހުގެ ޕީޕީއެމް/ ޕީއެންސީން އެދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް އިންސާފު ލިބެންދެން އަޑު އުފުލާ މުޒާހަރާ ކުރާނެ ކަމަށެވެ. މަގުމައްޗަށް ނުކުންނާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން އެފުރުޞަތު ނުދޭ ކަމަށާއި، ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަމުންދާ ކަމަށް ތުހުމަތުކޮށް ފާޑު ވިދާޅުވިއެވެ.
ރާއްޖެއެމްވީ ދެންނެވި ސުވާލަށް 18 ވަނަ ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ޢަބްދުއްރަހީމް ވިދާޅުވީ މުޒާހަރާ ކުރުމަށް މަގުމައްޗަށް ނުކުންނަނީ އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ޤާނޫނުގެ ދަށުން ކަމަށެވެ. ޢަބްދުއްރަހީމް މިހެން ވިދާޅުވިއިރު، މިޤާނޫނު ހަނިކޮށް މަގުމަތީގަ ޢާންމު ރައްޔިތުންނަށް އުދަނގޫވާ ގޮތަށް މުޒަހާރާ ނުކުރެވޭ ގޮތަށް ޤާނޫނު ހަނިކުރި މަތިން މިއަދު ހަނދާނެއް ނެތް ކަހަލައެވެ.
އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ގާނޫނު އަދި އޭގެ އިތުރުން ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބޭ ހައްގެއް.އަބްދުއްރަހީމް- ޕީއެންސީގެ ރައީސް
ރައީސް ޔާމީން މިނިވަން ކުރަންދެން ކޮންމެ ރެއަކު މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، ޕީއެންސީ/ ޕީޕީއެމް މެމްބަރުން ވަނީ މަޖީދީމަގާއި ޗާންދަނީ މަގު ކަންމައްޗަށް އެއްވެ އަޑު އުފުލާފައެވެ. މުޒާހަރާ ކުރުމަކީ ވޭންދެނިވި ކަމެއްކަމަށް ޢަބްދުއްރަހީމް ވިދާޅުވެފައިވާއިރު، އެކަމުގެ ސަބަބުން ކަމާ ނުބެހޭ ޢާންމު ރައްޔިތުން ވެސް އެކަމުގެ ސަބަބުން އެތަކެއް ވޭނަކާ މިވަނީ ކުރިމަތިލާން ޖެހިފައެވެ.
އެއީ ސްކޫލު ބަންދު ދުވަސްވަރަށްވުމާއެކު ޢާންމުންގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށް މިދުވަސްކޮޅު ނިކުންނަން ޖެހުމެވެ. ސްކޫލު ކުދިންނަށް ބޭނުންވާ ޔުނިފޯމާއި، ސްކޫލު ދަބަސް، އަދި ބޫޓުގެ އިތުރުން ވެސް ސްކޫލު ކުދިން ބޭނުންވާ ސާމާނު ގަތުމަށެވެ. ނަމަވެސް މުޒާހަރާއެކު ޓްރެފިކް ބޮޑު މަޖީދީމަގު އިތުރަށް ތޮއްޖެހި ޢާންމު ރައްޔިތުންނަށް އިތުރު ތަކުލީފަކަށް ވަނީ ވެފައެވެ.
ޗާންދަނީ މަގާ ޖެހިގެން ކަހަލަ ގޮތަކަށް ހުދުމާ މިއިންނަނީ. މިތަނަށް މިއަންނަނީ ޔުނީފޯމް ގަންނަން ދަރިންތައް ގޮވައިގެން. ވަރަށް ބޮޑު އުދަނގުލެއް މިއީ. ދެތިން މީހަކު އެއްވެގެން ހަޅޭ ލަވާއިރު، އަހަރުމެންގެ ހައްގު ކޮބާ.ކަންބޮޑުވުންފާޅު ކުރި ޒުވާނެއް
މުޒާހަރާގެ ސަބަބުން މާލޭގައި ވިޔަފާރި ކުރާ ފިހާރަތައް ގިނަ ޢަދަދަކަށް ހުންނަ މަގުތަކާއި ހަތަރު އަނގޮޅީގައި އެފަދަ އެއްވުންތައް ބޭއްވުމުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކަށާއި އެއްގަމު ދަތުރުފަތުރު ކުރާ ފަރާތްތަކަށް އެކަމުގެ ދަތިތައް މިވަނީ ފޯރާފައެވެ.
މަގުމައްޗަށް ނުކުމެ ޢާންމުންނަށް ދަތިވާ ގޮތަށް މުޒާހަރާ ކުރުމުގެ ފުރުޞަތު ނުދިނުމަށް ބައެއް ޢާންމުން ދަނީ އެދެމުންނެވެ. ނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރަން ފާސްކުރި އެ އިޞްލާޙު، އުވާލަން މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު ޢަބްދުﷲ ޖާބިރު ވަނީ ހުށަހަޅާފައެވެ.
އެބިލު މިހާރު އޮތީ، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކުރުމުގެ މަރުޙަލާގަ އެވެ. ނަމަވެސް އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙު އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރުއަރާނެ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.
ކުރިއާ ޚިލާފަށް މިސަރުކާރުން ދަނީ ސިޔާސީ ވަކި ކުލައަކަށް ބެލުމެއްނެތި ޙައްޤުތައް ދެމުންނެވެ. ކުރިއާ ޚިލާފަށް އެއްވެ އުޅުމުގެ ޤާނޫނުން ކާނިވާ ޞަރަޙައްދަށް އެއްވުމަށް ހުއްދަ ދޫ ނުކުރި ނަމަވެސް ރައީސް ޞާލިޙުގެ ސަރުކާރުން ޕީޕީއެމް/ޕީއެންސީ އެއްވުމަށް ނުވަތަ ޖަލްސާތައް ބޭއްވުމަށް އެބިން ދޫކުރެއެވެ.
ނަމަވެސް މަގުމައްޗަށް ނުކުމެ ޢާންމު ރައްޔިތުންނަށް ދަތިވާގޮތަށް ކުރާކަންކަން މިސަރުކާރުން ވެސް ހުއްޓުވަންޖެހެއެވެ.