Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 16:55
އެކްސިޑެންޓް ހިނގި ސަރަހައްދު
އެކްސިޑެންޓް ހިނގި ސަރަހައްދު
އެމްވީކްރައިސިސް
އެމްޓީސީސީ
އެމްޓީސީސީގެ ބަހެއްގަ ޖެހި ކުއްޖަކު ނިޔާވި އެކްސިޑެންޓާއި ގުޅިގެން އެމްޓީސީސީ ކޮމެޓީއަށް ހާޒިރު ކުރަނީ
ބަސް ދުއްވަން ހުރި ޑްރައިވަރު ފުލުހުން ހުއްޓުވާފައިވަނީ އެކްސިޑެންޓް ހިނގި ސަރަހައްދަށް ވުރެ ދުރުން
ބަސް ޑްރައިވަރަކަށް އެކްސިޑެންޓް ހިނގިކަމެއް ނޭނގޭ ކަމަށް ބުނެފައިވޭ

13 އަހަރުގެ ކުޑަކުއްޖަކު އެމްޓީސީސީ ބަހެއްގައި ޖެހި ނިޔާވި އެކްސިޑެންޓާއި ގުޅިގެން, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯވންޑް އެންޓަރޕްރައިޒެސް ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

12 ނޮވެމްބަރުގައި ހިނގާދިޔާ އެހާދިސާއާއި ގުޅިގެން އެ ކުންފުނިން ދޭ ޚިދުމަތް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރަމުން ދޭތޯ އަދި އެކަން ހިންގާފައިވާ ގޮތް ބެލުމަށް ހޯމަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ދައުލަތުގެ ހިއްސާވާ ކުންފުނިތައް ހިނގާ ނުހިނގާގޮތް ބެލުމަކީ އެސްއޯއީ ކޮމެޓީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އެމްޓީސީސީ އަކީ ދައުލަތުގެ ހިއްސާވާ ކުންފުންޏަކަށް ވުމާއެކު އެ ކުންފުނިން ދޭ ޚިދުމަތް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރަމުން ދޭތޯއާއި، ކުއްޖާ ނިޔާވި ހާދިސާ ހިނގާ ދިޔަ ގޮތް ބަލާ ދިނުމަށް އެދި، މިހާރު އެ މައްސަލަ ބަލަމުން ގެންދާ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ވަނީ ސްޓޭޓް އޯވންޑް އެންޓަރޕްރައިޒެސް ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައިވާގޮތުން ބަސްތައް ދުއްވާ ބާރުމިން ވަކި މިނެއްގައި ހިފެހެއްޓިވޭތޯއާއި، ބަސްތައް ދުއްވާ ޑްރައިވަރުންގެ މަސައްކަތުގެ ވަގުތު ބެހިފައިވާ ގޮތާއި، ބައެއް ބަސް ޑްރައިވަރުން ހުސްވަގުތު ނުލިބި މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެއެވެ. ހިއުމަން ރައިޓްސް ކޮމެޓީން އެސްއޯއީ ކޮމެޓީގައި އެދިފައިވަނީ އެކަން ހިގާފައިވާ ގޮތް އެސްއޯއީ ކމެޓީގެ މެންޑޭޓުގެ ތެރެއިން ބެލުމަށްފަހު އެކަމުގެ ތަފުޞީލު ހިއުމަން ރައިޓްސް ކޮމެޓީއާއި ހިއްސާ ކުރުމަށެވެ.

Advertisement

މި އެކްސިޑެންޓް ހިނގާފައިވަނީ، ހުޅުމާލެ-ހުޅުލެ ހައިވޭއަށް އަރަންދާ މަގުގައެވެ. ފުލުހުން ބުނެފައިވަނީ ބަސް ޑްރައިވަރު ހުއްޓުވީ އެކްސިޑެންޓް ހިނގި ސަރަހައްދުން ތަންކޮޅެއް ދުރުން ކަމަށާއި، އޭނާއަށް އެކްސިޑެންޓެއް ހިނގިކަން ނޭނގޭ ކަމަށް ތަހުޤީޤުގައި ބުނެފައިވާ ކަމަށެވެ. އެ ބަހަކީ ހުޅުލެއަށް ފަސިންޖަރުން އުފުލާ އެމްޓީސީސީގެ ބަހެކެވެ.

އެކްސިޑެންޓާއި ގުޅިގެން އެމްޓީސީސީން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، އެކްސިޑެންޓް ހިނގިކަން އެ ބަހުގައި ހުރި ކޮންޑަކްޓަރަކަށްވެސް އަދި ފަސިންޖަރަކަށްވެސް ނޭނގެއެވެ. މި ހާދިސާ ހިނގައިދިޔަ ގޮތާއި ގުޅޭ ގޮތުން އެކި ފަރާތްތަކުން އެކި ގޮތަށް މަޢުލޫމާތު ދީފައިވާއިރު، ފުލުހުން ވަނީ އެ މަންޒަރު ދުށް ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައެވެ.

މިއީ މިއަހަރުގެ ތެރޭގައި އެމްޓީސީސީގެ ބަހަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވީ ދެވަނަ ފަހަރެވެ. އެމްޓީސީގެ ބަހަކުން ޖެހި މިއަހަރުގެ ތެރޭގައި ދެން ނިޔާވެފައިވަނީ ޔުކްރެއިންއަށް ނިޞްބަތްވާ ފަތުރުވެރިއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް