Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 16:57
އެމްޓީސީސީގެ ބަހެއް
އެމްޓީސީސީގެ ބަހެއް
ވަން އޮންލައިން
އެކްސިޑެންޓް
ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ހައްޔަރުކުރި އެމްޓީސީސީގެ ބަސް ޑްރައިވަރު ދޫކޮށްލައިފި
އެމީހާ ދޫކޮށްލީ 20 ނޮވެންބަރުގައި
އެއީ 51 އަހަރުގެ ދިވެހި ޑްރައިވަރެއް
އެކްސިޑެންޓުގައި 13 އަހަރުގެ ކުއްޖެއް ވަނީ ނިޔާވެފައި

ހުޅުމާލެ-ހުޅުލޭ ހައިވޭ މަތީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބަހަކާއި، ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހައްޔަރުކުރި އެމްޓީސީސީގެ ބަސް ޑްރައިވަރު ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހައްޔަރު ކުރި ބަސް ޑްރައިވަރު އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށެވެ. އަދި ނޮވެންބަރު 20 ވަނަ ދުވަހު ރެއިން ފެށިގެން އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.

ބަސް ދުއްވި 54 އަހަރުގެ ދިވެހި ޑްރައިވަރަކީ 2015 އަހަރުން ފެށިގެން އެމްޓީސީސީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. އެމްޓީސީސީން ބުނީ އެޑްރައިވަރަކީ މަސައްކަތުގެ މާހައުލުގައި ރަނގަޅު މުވައްޒަފެއް ކަމަށާއި، އިތުރުގަޑީގައި މަސައްކަތް ކުރާ މުވައްޒަފެއް ނޫން ކަމަށެވެ. އަދި ސިއްހީ ގޮތުން މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށެވެ.

ނަމަވެސް އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

12 ނޮވެންބަރުވީ، އަންގާރަ ދުވަހުގެ ރޭ ހިނގި މިއެކްސިޑެންޓްގައި އެމްޓީސީސީގެ ބަހަކުން ޖެހި، ސައިކަލެއްގެ ފަހަތުގައި އިން 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފަ އެވެ. އަދި ސައިކަލް ދުއްވަން އިން ކުއްޖާގެ މަންމައަށް އަނިޔާވި ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ހުޅުމާލެ-ހުޅުލެ ހައިވޭއަށް އަރަންދާ މަގުގައެވެ. ފުލުހުން ބުނެފައިވަނީ ބަސް ޑްރައިވަރު ހުއްޓުވާފައިވަނީ އެކްސިޑެންޓް ހިނގި ސަރަހައްދުން ތަންކޮޅެއް ދުރުން ކަމަށާއި، އޭނާއަށް އެކްސިޑެންޓެއް ވީކަމެއް ނޭނގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އެ ބަހަކީ ހުޅުލެއަށް ފަސިންޖަރުން އުފުލާ އެމްޓީސީސީގެ ބަހެކެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި ކުޑަ ކުއްޖަކު ނިޔާވެފައިވާއިރު، މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ ފަތުރުވެރިޔަކު ވަނީ ނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް