Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 16:33
ގާޒީ އަހުމަދު ހައިލަމް-
ގާޒީ އަހުމަދު ހައިލަމް-
ރާއްޖެ އެމްވީ
ޖުޑީޝަރީ ކޮމެޓީ
ގާޒީ ހައިލަމް އާއި އިތުރު ދެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިކުރަން ކޮމެޓީން ނިންމައިފި
ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށާއި 60 ދުވަހަށް ސަސްޕެންޑް ކުރަން ވެސް ނިންމާފައިވޭ
ރ، މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަދުނާނު ހުސައިން ފަނޑިޔާރުކަމުން ވަކިކުރަންވެސް ޖޭއެސްސީން ވަނީ ނިންމާފައި
ޖޭއެސްސީގެ ނިންމުތައް ނިންމާފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި އެހެންކަމުން ޖޭއެސްސީގެ ނިންމުން ޖުޑީޝަރީ ކޮމެޓީން ވަނީ ފާސްކޮށްފައި

ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އާއި ދެ މެޖިސްޓްރޭޓް ކޯޓެއްގެ ދެ މެޖިސްޓްރޭޓަކު، ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ނިންމާ އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ހޯމަ ދުވަހު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައި ދިރާސާކުރި އެމައްސަލާގައި ކޮމެޓީގެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ، އެ ތިން ފަނޑިޔާރުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީ ނިންމާފައިވަނީ، އިޖުރާއަތާ އެއްގޮތަށްކަން ޖޭއެސްސީގެ ރިޕޯޓްތަކުން ހާމަވާ ކަމަށެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރުމުގައި، ޖުޑީޝަރީ ކޮމެޓީއަށް މަތިކޮށްފައިވާ ހަމައެކަނި ކަމަކީ ވެސް، އެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތުތަކާއި އެއްގޮތަށްތޯ ބެލުން އެކަންޏެވެ.

ގާޒީ ހައިލަމާއެކު އިތުރު ދެ މެޖިސްޓްރޭޓަކު ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ކޮމިޝަނުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގަ އެވެ.

ފަނޑިޔާރުކަމުން ގާޒީ ހައިލަމާއި ދެ މެޖިސްޓްރޭޓުން ވަކިކުރަން ޖޭއެސްސީން ނިންމާފައި ވަނީ ސުލޫކީ މައްސަލަތަކެއް އެކޮމިޝަނުން ބެލުމަށްފަހު، އެކަން ސާބިތުވާ ކަމަށް ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާޤުން ނިންމުމާ ގުޅިގެން ނެވެ.

Advertisement

ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ، ނަސްރުގެ ދުވަސް ކަމަށްވާ ނޮވެމްބަރު 3 ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕަށްލުމާ ގުޅިގެން ނެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ އެކަން ފަޅާއަރައި، ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. ހައިލަމް ސަސްޕެންޑް ކުރި ދުވަހަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންގ ދައުވާގެ ހުކުމް ކުރުމަށް އޮތް ދުވަހެވެ.

ހައިލަމް ސަސްޕެންޑް ކުރުމާގުޅިގެން ކްރިމިނަލް ކޯޓުގެ ހިންގުން އެކޯޓުގެ ގާޒީ އަލީ ރަޝީދުއާ ވަގުތީ ގޮތުން ޖޭއެސްސީން ވަނީ ހަވާލުކުރައްވާފަ އެވެ. އަދި ރައީސް ޔާމީނުގެ އެދިވަޑައިގެންނެވުމުގެ މަތިން، ފަސް ގާޒީންގެ ބެންޗަކުން އެމައްސަލަ ދިރާސާކުރުމަށްފަހު، ހުކުމް ކޮށްފައިވަނީ ރައީސް ޔާމީން 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.

ޖޭއެސްސީން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުކަމުން ވަކިކޮށްފައިވާ ދެ މެޖިސްޓްރޭޓުންނަކީ، ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދާއި، ރ، މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިނެވެ. މީގެއިތުރުން، ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައިވާ، ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދު 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް ނިންމާފައި ވެއެވެ.

ޖޭއެސްސީން ފަނޑިޔާރަކު، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ނިންމި ނަމަވެސް، ފަނޑިޔާރުކަމުގެ މަގާމުން ވަކިވާނީ، ޖޭއެސްސީގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގައި ވޯޓަށް އަހައި ފާސްވެގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް