Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 16:22
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒު މޫސާ
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒު މޫސާ
ޔޫސުފް ސޮފްވާން ރަޝީދު
އިންފޮމޭޝަން ކޮމިޝަނަރ
އަހަރީ ރިޕޯޓު ހުށަހެޅުމުގައި، ޖުޑީޝަރީ އާއި ސިޔާސީ ޕާޓީތަކަށް "ސުމެއް": އިންފޮމޭޝަން ކޮމިޝަނަރ
އެމްޑީޕީންވެސް ރިޕޯޓު ހުށަހަޅާފައެއް ނުވޭ
ރިޕޯޓު އިންފޮމޭޝަން ކޮޮމިޝަނަށް ހުށަހެޅުމަކީ ގާނޫނު ލާޒިމް ކުރާކަމެއް
ހުރިހާ މައުލޫމާތެއްވެސް ހާމަކުރާނަން، ނުފޫޒެއް ނުފޯރުވޭނެ

މިނެކިރަނީ ހުރިހާކަމެއްވެސް ނަމްބަރުން ކަމަށާއި އެޔަށް ބަލާލާއިރު، ރިޕޯޓު ހުށަހެޅުމުގައި "ސުމެއް" ގައި އުޅެނީ ޖުޑީޝަރީއާއި ސިޔާސީ ޕާޓީތައްކަމަށް އިންފޮރމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެެވެ.

Advertisement

މާއްދާ 29 އިފްތިތާޙުކުރުމަށް ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ހަފުލާގައިި ވާހަކަ ދައްކަވަމުން އިންފޮރމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒު ވިދާޅުވީ، މިއަހަރުވެސް ސިޔާސީ ޕާޓިތަކަށް ދައުލަތުގެ ބަޖެޓުން 37 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ 4 އަހަރަށް ނަޒަރު ހިންގާލާއިރު، މިއިން އެއްވެސް އަހަރެއްގައި ސިޔާސީ ޕާޓީތަކުން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާކަމަށް ވިދާޅުވިއެވެ. ފިޔާޒުގެ ވާހަކަފުޅުގައި ވެރިކަންކުރާ އެމްޑީޕީން ވެސް އިންފޮމޭޝަން ކޮމިޝަނަށް ރިޕޯޓް ހުށަހަޅާފައިނުވާކަން ފާހަގަކުރެއްވިއެވެ. މިކަން ފާހަގަކުރެއްވީ މި ޙަފުލާގައި އެމްޑީޕީގެ ނައިބު ރައީސާއި، ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒާއި، އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރުގެ އިތުރުން، ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް ފައްޔާޒު އިސްމާޢިލްވެސް ބައިވެރިވަޑައިގެން އިންނަވަނިކޮށްނެވެ.

އަޅުގަނޑު ނަމްބަރު ބަލާ މީހެއް މީ. ނަމްބަރުން ސުމެއްގައި އުޅެނީ ޖުޑީޝަރީ، ސުމެއްގައި އުޅެނީ ސިޔާސީ ޕާޓީތައް "ޝިއްޕެ". ސިޔާސީ ޕާޓިތައް އުޅެނީ ސުމެއްގައި. ރިޕޯޓެއް ހުށައެއްނާޅާ، ޖުޑީޝަރީއަކުން ރިޕޯޓެއް ހުށައެއް ނާޅާ.
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒު މޫސާ

ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން އިންފޮރމޭޝަން ކޮމިޝަނަރ ވިދާޅުވީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނަށް ޖަވާބުދާރީވުން އެއީ ޒިންމާއެއް ނޫންކަމަށާއި، ރިޕޯޓުތަށް އިންފޮރމޭޝަން ކޮމިޝަނަށް ހުށަހެޅުމަކީވެސް ޤާނޫނުން ލާޒިމު ކުރާކަމެއްކަމަށެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ އިތުރުން، ހާމަކުރުމަށް ނުފޫޒު ފޯރުވޭނެ އެކަކުވެސް ނުހުންނާނެކަމަށް ފިޔާޒު ވިދާޅުވިއެވެ.

2014 އިން 2018 އަށް އަހަރީ ރިޕޯޓު ހުށަހެޅި މިންވަރު

އިންފޮރމޭޝަން ކޮމިޝަނުން 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެކި ދާއިރާތަކުން މަޢުލޫމާތު ހާމަކޮށްފައިވާ މިންވަރު އަންގައިދޭ ރިިޕޯޓުން، 2016 ވަނަ އަހަރު ފިޔަވައި އެއްވެސް ސިޔާސީ ޕާޓިއަކުން އަހަރީ ރިޕޯޓު އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޙިއްސާކޮށްފައިވާނުވާކަން ހާމަވެއެވެ. އަދި 2016 ވަނަ އަހަރު 2 ރިޕޯޓެެއް ޙިއްސާކޮށްފައިވާކަމަށް އެ ތަފާސް ހިސާބިތަކުން ދައްކާއިރު، 2014 ވަނަ އަހަރު އެންމެ ރިޕޯޓެއް ފިޔަވައި ޝަރުއީ އެއްވެސް ކޯޓަކުން ރިޕޯޓު ހުށަހަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ފިޔާޒު ވިދާޅުވީ، މާއްދާ 29 ކެމްޕެއިން ފެށީ މައުލޫމާތު ހާމަކުރުމުގައި މުއައްސަސާތަކުގެ ޙާލަތު އޮތް މިންވަރު ބަލައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މުއައްސަސާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާތީކަމަށެވެ. މިކަމަށް އިޝަރާތްކުރައްވާ، ކަމާބެހޭ އިދާރާތަކުގެ އިސްވެރިންވެސް ތިބުމާއެކު ފިޔާޒު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ތަރަހައިގެ ތެރޭގައި 1200 މުއައްސަސާއެއް ހިމެނޭއިރު އަހަރެއްގެ މައްޗަށް ހުށަހަޅާ ރިޕޯޓު ޢަދަދު 200 އަށްވެސް ނާރާކަން ފާހަގަކުރައްވާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2014 ވަނަ އަހަރު ކޮމިޝަނަރުގެ އޮފީހާ 183 އަހަރީ ރިޕޯޓު ހިއްސާކޮށްފައިވާއިރު، 2015 ވަނަ އަހަރު އެކި މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުން ހުށަހަޅާފައިވަނީ އެންމެ 28 ރިޕޯޓެވެ. މީގެއިތުރުން، 2016 ވަނަ އަހަރު 170 ރިޕޯޓު ހުށަހެޅިއިރު، 2017 ވަނަ އަހަރު 158 ރިޕޯޓު އަދި 2018 ވަނަ އަހަރު ހުށަހަޅާފައިވަނީ އެންމެ 163 ރިޕޯޓެވެ. މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، ކޯޓުތަކާއި، މިނިސްޓްރީތަކާއި، ސަރުކާރުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، ކުންފުނިތަކާއި، ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އިތުރުން ސުކޫލްތަކާއި، ސިއްހީ މަރުކަޒުތަކުން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ރިޕޯޓު ޙިއްސާކުރަން ޖެހެއެވެ.

މުއައްސަސާ އުފެދުނު ފަހުން 2014 އިން ފެށިގެން 2018 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާލި އިރުގައި، އަޅުގަނޑުމެންގެ ތަރަހައިގެ ތެރޭގައި އެބަ ހިމެނޭ ގާނޫނޫ ލާޒިމްކުރާ މައުލޫމާތު ފަތުރަންޖެހޭ މުއައްސަސާތަކުގެ އަދަދު 1000 ވުރެ ގިނަ ގާތްގަނޑަކަށް 1200 އާއި ހަމަޔަށް ދޭ. 1200 މުއައްސަސާ ހުރި އިރުގައި ކޮންމެ އަހަރެއްގައި ގާނޫނުން ލާޒިމު ކުރާ ރިޕޯޓު ހުށަހަޅާފައިވާ އަދަދު 200 އަށްވެސް ނާރާ. އޭގެއިން މިއެނގެނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުވެގެންދާ މިންވަރު. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 6000 ރިޕޯޓު ހުށަހަޅަންޖެހޭ އިރުގައި ޖުމްލަ އަދަދަކީ 702. ހިތާމަކުރަންޖެހޭ.
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒު މޫސާ

ވޭތުވެދިޔަ 5 އަހަރުތެރޭގައި 6000 އަހަރީ ރިޕޯޓު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމަށް ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާއިރު ހުށަހަޅާފައިވާ ރިޕޯޓުގެ ޢަދަދު 1000 ނާރާާކަންވެސް ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް