Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 18:31
ކުޑަކުދިންނަށް އަނިޔާ ކުރުމާއި ދެކޮޅަށް ކުރަހާފައިވާ ޕޯސްޓަރެއް
ކުޑަކުދިންނަށް އަނިޔާ ކުރުމާއި ދެކޮޅަށް ކުރަހާފައިވާ ޕޯސްޓަރެއް
ޕޮލިސް
ފުލުހުން
13 އަހަރުގެ ކުއްޖާ އެހެންތާކަށް ބަދަލުނުކުރީ އޭރު ކުއްޖާހުރީ އެންމެ އެކަށީގެންވާ ތަނުގައިކަމަށްވާތީ- ފުލުހުން
މި މައްސަލަ އެންމެ ފުރަތަމަ ބަލަންފެށީ ހަރުކަށި ފިކުރުގެ އާއިލާއަކުން ކުދިންތަކެއް އަސާސީ ހައްޤުތަކުން މަހުރޫމްކުރާ ކަމުގެ މައްސަލައެއްގެ ގޮތުގައި
ފުލުހުން ބުނީ އެންމެ ފުރަތަމަ މަސައްކަތްކުރީ ކުއްޖާއަށް ރައްކާތެރިކަން ދެވޭނެ ގޮތަށްކަމަށް
މިހާތަނަށް 14 ފަރާތަކާއި ސުވާލުކޮށް ފޮރެންސިކް ބައެއް ހެކިތައް ހޯދާ ވެރިފައި ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

އުމުރުން 13 އަހަރުގެ ކުޑަކުއްޖާ ބަލިވެއިން ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ކަމާގުޅޭ މުއައްސަސާތަކާއެކު މަޝްވަރާތައް ކުރިކަމަށާއި، އޭރު އެކުއްޖާ އެހެން މާޙައުލަކަށް ބަދަލު ނުކުރީ އޭރު ކުއްޖާ ހުރީ ކުއްޖާއަށް އެންމެ އެކަށީގެންވާ މާޙައުލެއްގަކަން ޤަބޫލުކުރެވިގެންކަމަށް ފުލުހުން ބުނެފި އެވެ.

އާދިއްތަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުއްޖާ ބަލިވެ އިންކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބި އެހެން މާޙައުލަކަށް ބަދަލުނުކުރީ ކީއްވެތޯ ރާއްޖެއެމްވީން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފު ވިދާޅުވީ އޭރު އެކިއެކި މުއައްސަސާތަކާއެކު ބެލިބެލުމުން ކުއްޖާގެ ބައްޕަ ހުރީ ޖަލުގައި ކަން އެނގިފައިވާކަމަށެވެ. އަދި އެކުއްޖާއާއެކު އެ ޢާއިލާގައި ތިބި ފަސް ކުދިން ބަލަމުންދަނީ މަންމަކަމަށް ހަނީފު ވިދާޅުވި އެވެ.

ހަނީފު ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ މައްސަލަ އެންމެ ފުރަތަމަ ފުލުހުން ބަލަން ފެށީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުމުގައި ގެންގުޅޭ ޢާއިލާއަކުން އެޢާއިލާގައި ހިމެނޭ ކުދިންނަށް ލިބެންޖެހޭ ޢަސާސީ ޙައްޤުތަކުން މަޙުރޫމްކޮށް ގެންގުޅެމުންދާކަމުގެ މައްސަލައެއްގެ ގޮތުގައިކަމަށެވެ. އެގޮތުން އިހުމާލުގެ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލަމުންދިޔަ ކަމަށް ހަނީފު ވިދާޅުވި އެވެ.

Advertisement

ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން މިދިޔަ މަހު 24 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެއް ޢާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ޞިއްޙީ ޙައްޤުތަކުން އެ މީހުން މަޙުރޫމްކޮށްފައިވާ ކަމުގެ މަޢުލޫމާތު ޖޫން، 6، 2018 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން އެ މައްސަލަ ބަލަން ފެށި ކަމަށެވެ. އަދި އެ މައްސަލަ ބެލިއިރު، މި މައްސަލައިގައި ހިމެނޭ ޢާއިލާ އަކީ، ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ ޢާއިލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެއެވެ. ފަހުން އެނގުނު ގޮތުގައި ބަނޑުބޮޑުވެގެން ވިހެއި 13 އަހަރުގެ ކުއްޖާ ނިޞްބަތްވަނީ އެ ޢާއިލާއަށެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މީގެ އެއްއަހަރު ކުރިން ލިބުނު މަޢުލޫމާތުގެ އަލީގައި އޭރު މަސައްކަތް ކުރަމުންދިޔައީ ކުއްޖާއަށް އެެންމެ ރައްކާތެރި ގޮތަކަށް ކަންކަން ކުރިޔަށް ގެންދެވޭނެ ގޮތްދެނެގަނެ، އެގޮތުގެ މަތިން މަސައްކަތްތައް ކުރުމަށް ކަމަށެވެ.

13 އަހަރުގެ ކުއްޖާ ބަލިވެ އިންކަމަށް އެނގިގެން ތަފާތު އެކި މުއައްސަސާތަކާއެެކު ކޮންފެރެންސްތައް ބޭއްވުނު. އެގޮތުން މުއައްސަސާތަކުން އޭރު ކުއްޖާގެ ކަންކަން ބެލިއިރު ބައްޕަވަނީ ޖަލު ޙުކުމެއްގައި ކަމަށްވާތީވެ ކުއްޖާއަށް އޭރުވެސް އިތުރު ސަޕޯޓެއް ދެވެން ހުންނާނީ މަންމަ ކަމަށްވާތީވެ، ހަމައެއާއެކު ކުއްޖާގެ ޢާއިލާގައި އިތުރު ފަސް ކުދިން ތިބޭތީ މަންމައަށް ކުއްޖާއަށް އިތުރު ސަޕޯޓެއް ދެވޭނެކަމަށް ބެލެވޭތީވެ އޭރު އެގޮތަށް ނިންމަމުން ދިޔައީ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފު

ކޯޓުން ބޭރުގައި މިކުއްޖާ އާއި ކައިވެނިކޮށްގެން އުޅޭކަމަށް ބުނެ ގުޅުން ހިންގަމުންދިޔަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މިމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ތެރެއިން އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގައި ހިނގި މާރާމާރީއެއްގައި ޒަޚަމްވެފައިވާ ރ މަޑުއްވަރީ ފެހިއަލި އިސްމާޢީލް ހައްމާދެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ހައްމާދުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

ހަނީފު ވިދާޅުވީ ކުއްޖާ ބަލިވެ އިން މައްސަލާގެ މަޢުލޫމާތު ފުލުހުންނަށް މިއަހަރުގެ ފެބްރުއަރީ މަހު ލިބިފައިވާކަމަށެވެ. ނަމަވެސް ފުލުހުންނަށް މީގެކުރިން ލިބިފައިވާ މަޢުލޫމާތުތަކަކީ ޕްރޮސެކިޔުޓް ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ މަޢުލޫމާތުތަކަކަށް ނުވާތީ އެމައްސަލާގައި މީހަކު ހައްޔަރުކުރެވިފައިނުވަނީ ކަމަށް ހަނީފު ވިދާޅުވި އެވެ. ނަމަވެސް މިހާރު އެކުއްޖާ ވިހާފައިވާ ކުޑަކުއްޖާގެ ޑީއެންއޭ އާއި ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ މީހާގެ ޑީއެންއޭ ދިމާވެފައިވާކަމަށް ހަނީފު ވިދާޅުވި އެވެ. އަދި ތަހުޤީޤަށް މިހާތަނަށް 14 ފަރާތަކާއި ސުވާލުކުރެވި ފޮރެންސިކް ބައެއް ހެކިތައް ހޯދާ ވެރިފައި ކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް ހަނީފު ވިދާޅުވި އެވެ.

މީގެއިތުރުން މިޢާއިލާގެ ކުދިންނަށް ބޭނުންވާ ޢަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ކުރަމުންދާކަމަށް ހަނީފު ވިދާޅުވި އެވެ.

އެގޮތުން ސްކޫލަށް ފޮނުވުމުގެ މަސައްކަތާއި ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށްލަން. އޭގެ އިތުރަށް ޢާއިލާއަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ދިނުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކޮށްލަން.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފު

13 އަހަރުގެ ކުއްޖާ ތިން ފަހަރެއްގެ މަތިން ފިލައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާކަމަށް ހަނީފު ވިދާޅުވި އެވެ.

13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ ވިހޭ ކަމުގެ ވާހަކަތައް ތިލަ ވެގެން އައީ، ހުސްވި ނޮވެންބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ބޮޑެތި ޒަޚަމްތަކަކާއެކު މީހަކަށް ފަރުވާ ދޭން ފެށުމުންނެވެ. ފުލުހުން ބުނެފައިވަނީ މާރާމާރީ ހިނގާފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެެރެއިންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް