13 އަހަރުގެ ކުޑަ އަންހެން ކުއްޖާ އާއި ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭކަމަށް ބުނެ އެކުއްޖާ ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ އިސްމާއީލް ހައްމާދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުއުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ހައްމާދު ހައްޔަރުކުރީ އައިޖީއެމްއެޗުން ދޫކޮށްލުމުން ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. ހައްމާދު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ދީނީ ހަރުކަށި ފިކުރުގެ ތެރެއިން އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ހިނގި މާރާމާރީގައި އޭނާ އަށް ލިބުނު ބޮޑެތި ޒަޚަމްތަކަކަށް ފަރުވާ ހޯދުމަށެވެ.
13 އަހަރުގެ ކުއްޖާ ވިހެއި މައްސަލާގައި އެކިއެކި ފަރާތްތަކާއި ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާ ވެރިފައި ކުރުމުގެ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށް ހަނީފު ވިދާޅުވި އެވެ.
އެގޮތުން ވިހާފައިވާ ކުއްޖާގެ ޑީއެންއޭ އާއި ތުހުމަތު ކުރެވޭ ކުއްޖާގެ ޑީއެންއޭ ދިމާވެފައިވާކަންވެސް ދަންނަވަން. މިމައްސަލައަކީ އަދިވެސް ކުރިޔަށްދާ މައްސަލައަކަށް ވާތީ ޕީޖީ އޮފީހާއެކު މަޝްވަރާކުރެވެމުންދާ ކަން ދަންނަވަން.ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފު
ކޯޓުުން ބޭރުގައި، އުމުރުން 13 އަަހަރުގައި ކައިވެނި ކޮށްގެން އުޅޭ އަންހެން ކުއްޖާގެ ޢާއިލާގެ މަޢުލޫމާތު 2018 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށް އެ އިދާރާއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ހަނީފް ވިދާޅުވީ އެކުއްޖާ ބަލިވެ އިންކަމުގެ މަޢުލޫމާތު މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ޢާންމު ފަރާތަކުން ފުލުހުންނަށް ދީފައިވާކަމަށެވެ.
ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީ ގުޅިގެން ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއް ޢާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ޞިއްޙީ ޙައްޤުތަކުން މަހުރޫމް ކޮށްފައިވާކަމުގެ މަޢުލޫމާތު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި، އޭރުން ފެށިގެން އެ މައްސަލަ ތަހުޤީޤުކޮށް ގާތުން ބަލަމުން އަންނަ ކަަމަށެވެ.